Friday, November 20
މަހެއްހާ ދުވަހުން ފީފާގެ ސަސްޕެންޝަން އުވާލެވޭނެ ކަމުގެ އުންމީދު ނޭޕާލުން ހާމަކޮށްފި

ފީފާއިން ނޭޕާލް ފުޓުބޯޅަ އެސޯސިއޭޝަން (އަންފާ) އަށް އަޅާފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އުވާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ނޭޕާލުގެ ކުޅިވަރު ކައުންސިލުގެ ނައިބު ރައީސް ސިއްދީ ބިޔާންޖަންކަރު ވިދާޅުވެއްޖެއެވެ.

ބިޔާންޖަންކަރު މިހެން ވިދާޅުވީ، ނޭޕާލުގެ ކުޅިވަރާ ބެހޭ ވަޒީރު ސަސްމިތު ޕޮކަރެލްއާއި އޭނާ ހިމެނޭ ވަފުދަކުން، ފަހުން ބޭއްވި އޭއެފްސީ އެވޯޑް ހަފުލާގެ ހަވާސާގައި ފީފާއާއި އޭއެފްސީގެ މަންދޫބުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހުގައެވެ. އެ ބައްދަލުވުން ދިޔައީ ބިނާކުރަނިވި ގޮތެއްގައި ކަމަށް ވެސް ބިޔާންޖަންކަރު ވިދާޅުވިއެވެ.

ފީފާއިން އަންފާ ސަސްޕެންޑްކުރީ މިދިޔަ ޖޫން މަހުއެވެ. އެއީ ފީފާއިން ހައްލުކުރަން ބުނި މައްސަލަތައް ނޭޕާލުގެ ސަރުކާރާ ގުޅިގެން ހައްލުކުރުމަށް ދިން ފުރުޞަތުތަކުގައި އެ މައްސަލަތައް ހައްލުނުކުރެވުމުންނެވެ.

ސަސްޕެންޝަނުގެ ސަބަބުން، މި މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕުގައި ވެސް ނޭޕާލަށް ވާދަކުރެވިފައެއް ނުވެއެވެ. ސާފް މުބާރާތް ނޭޕާލާ ނުލައި ކުޅުނު ފުރަތަމަ ފަހަރަކީ ވެސް މިއީއެވެ.

ނޭޕާލުގެ ކުޅިވަރު ކައުންސިލުން ވެސް ކުރިން އަންފާ ސަސްޕެންޑްކޮށްފައި ވީނަމަވެސް، އެ ނިންމުން މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި އަންފާއަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަން ވެސް ވަނީ ޔަޤީންކޮށްދީފައެވެ.

ފީފާއިން ސަސްޕެންޝަން ރަސްމީކޮށް އުވާލާނީ، މިހާރު އޮތް ލީޑަރޝިޕުގެ ދަށުން އަންފާގެ އައު އިންތިޚާބެއް ބާއްވައި ކަންކަން ހަމަޖެއްސުމަށް ފަހުގައި ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު