ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް މިހާތަނަށް 48.3 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަނުން ބުނެފިއެވެ.
މި އަދަދު ހާމަކުރީ ޕެންޓަގަންގެ ޑެޕިއުޓީ ކޮމްޕްޓްރޯލަރު އާތާ މިލާއެވެ. އެމެރިކާގެ ނޭވީގެ ފައިނޭންޝަލް މެނޭޖްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމަށް ނޮމިނޭޓްކޮށްފައިވާ މިލާ، ބުރާސްފަތި ދުވަހު ސެނެޓުގެ އާމްޑް ސާވިސަސް ކޮމިޓީގައި ބޭއްވި އަޑުއެހުމެއްގައި ބުނީ، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހަނގުރާމައަށް 48.3 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށެވެ.
މިލާ ބުނި ގޮތުގައި، މި އަދަދުގައި ހިމެނެނީ ހަތިޔާރާއި، ހަލާކުވި އަސްކަރީ އާލާތްތަކުގެ ބަދަލުގައި އާ ތަކެތި ހޯދުމުގެ ޚަރަދާއި، އޮޕަރޭޝަނަލް ޚަރަދުތަކެވެ.
ނަމަވެސް، އީރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ ޚަރަދު މި އަދަދުގައި ނުހިމެނެއެވެ.
އީރާނާ ދެކޮޅަށް ކުރިއަށްދާ މި ހަނގުރާމައާއި ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދާއި ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވެއެވެ.






