Thursday, November 19
2035 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެންމެ ބޮޑު ދީނީ ޖަމާއަތަކަށް މުސްލިމުން ވާނެ: ޕިއު ރިސާޗް ސެންޓަރު

އަންނަ 2035 ވަނަ އަހަރާ ހަމައަށް ދާއިރު ނަސާރާއިންނަށްވުރެ މުސްލިމުންގެ އާބާދީ އިތުރުވެ، ދުނިޔޭގެ އެންމެ ބޮޑު ދީނީ ޖަމާއަތަކަށް މުސްލިމުން ވާނެ ކަމަށް އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ޕިއު ރިސާޗް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ނެރުނު ރިޕޯޓުގައިވާ ގޮތުގައި، މި ދިރާސާ ކޮށްފައިވަނީ 2020 ވަނަ އަހަރުން ފެށިގެން 2070 ވަނަ އަހަރާ ދެމެދު ދުނިޔޭގެ ބޮޑެތި ދީންތަކުގެ އާބާދީއަށް އަންނާނެ ބަދަލުތައް ދެނެގަތުމަށެވެ. ނަސާރާއިންނާއި މުސްލިމުންގެ އާބާދީ ވެސް އިތުރުވަމުން ދިޔަ ނަމަވެސް، މުސްލިމުންގެ އާބާދީ އިތުރުވަމުން ދަނީ މާ ހަލުވި މިނެއްގައެވެ.

ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، 2070 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީ 29 އިންސައްތަ އިތުރުވާއިރު، މުސްލިމުންގެ އާބާދީ 80 އިންސައްތަ އަދި ނަސާރާއިންގެ އާބާދީ 30 އިންސައްތަ އިތުރުވާނެއެވެ. މިއާއެކު ދުނިޔޭގެ އާބާދީގައި މުސްލިމުން ހިއްސާކުރާ މިންވަރު 2020 ވަނަ އަހަރު ހުރި 26 އިންސައްތައިން 36 އިންސައްތައަށް އަރާނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

މުސްލިމުންގެ އާބާދީ ހަލުވިކޮށް އިތުރުވާ މައިގަނޑު ސަބަބަކީ ދަރިމައިވާ ނިސްބަތް މަތިވުން ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެގޮތުން މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބޭ ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ދީން ދޫކޮށްލާ މީހުންގެ ނިސްބަތް ވެސް ނަސާރާއިންނާ އަޅައިބަލާއިރު މުސްލިމުންގެ ތެރޭގައި މާ ދަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

2070 ވަނަ އަހަރާ ހަމައަށް ދާއިރު، އިންޑޮނޭޝިއާ ފަހަތަށް ޖައްސާލައި ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ޤައުމަކަށް ޕާކިސްތާން ވާނެ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.

ނަމަވެސް ޤުދުރަތީ ކާރިސާތަކާއި ހަނގުރާމަތަކާއި އިޤްތިޞާދީ ހާލަތްތަކުގެ ސަބަބުން މި ލަފާކުރުންތަކަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ވެސް އެ ސެންޓަރުން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު