Thursday, November 19
ރަސްމާލެ މަޝްރޫޢު ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް: ޢިލްމުވެރިންގެ ގުޅުން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް މި މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

މި ބަޔާން ނެރެފައިވަނީ ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓާ ގުޅޭގޮތުން، އެ ޖަމްޢިއްޔާގެ ޢިލްމީ ދިރާސާތަކާއި ބަޙުޘްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ދިރާސާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މި އެއްބަސްވުމުގައި ބޮޑެތި ޝަރުޢީ އިޢުތިރާޒުތަކާއި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަންކަން ހުރި ކަމަށާއި، މިހާތަނަށް ހާމަވެފައިވާ ޝަރުޠުތަކުގެ މަތިން މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ދީނަށާއި ޤައުމަށް އަނބުރާ އިޢާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ.

ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ) ގައި މުސްލިމަކު ނޫން މީހަކަށް ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށާއި، 10 ވަނަ މާއްދާގައި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައިވާއިރު، ރާއްޖޭގައި ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދުމަކީ އެ ދެ އަސާސަށް ބުރޫއަރާ ކަމެއް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ ފާހަގަކޮށްފައެވެ. އަދި ޣައިރު މުސްލިމުން ރާއްޖޭގައި ރަށްވެހިކުރުމަށް ނުވަތަ ވަޒަންވެރިކުރުމަށް އެއްވެސް ޝަރުޠެއްގެ މަތިން ތާއީދެއް ނުކުރާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ނަމަވެސް މިއީ ސިޔާސީ ބަޔާނެއް ނޫން ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓަށް ދެކޮޅު ހެދުމެއް ވެސް ނޫން ކަމަށް ޢިލްމުވެރިންގެ ގުޅުމުން ބުނެފައިވެއެވެ. ޤައުމު ދަރަނީގެ ބުރައިން މިނިވަންކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އަގުވަޒަންކުރާ ނަމަވެސް، އިޤްތިޞާދީ ތަނަވަސްކަން ހޯދަންވާނީ ދީނާއި ޤައުމީ އައިޑެންޓިޓީ ދޫނުކޮށް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު