Thursday, November 19
ސަރުކާރުގެ 3 އަހަރުގައި މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ގެނެވިއްޖެ: މިނިސްޓަރު ޝިޔާމް

މި ސަރުކާރަށް 3 އަހަރު ވެގެންދިޔައިރު، މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހައްލު ގެނެސްދީފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، މި 3 އަހަރަކީ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އުފާފާގަތިކަން ގެނެސްދިން 3 އަހަރު ކަމަށާއި، މިއީ މަސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރި ސަރުކާރު ކަމަށެވެ.

މަސްވެރިންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކިރާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެން ދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ޚާއްޞަ އިސްކަމެއް ދެއްވީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާ ދީ ޚަލާޞްކުރުމަށް ކަމަށާއި، ވެރިކަމަށް އަހަރެއް ނުވަނީސް އެ ވަޢުދު ފުއްދެވުމުގެ އިތުރުން، މިހާރު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ވެސް ގިނަ ކަންތައްތަކެއް ކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ސާޅީހަކަށް އަހަރު ވަންދެން އޮތީ އެންމެ ފެކްޓަރީއެއް ކަމަށާއި، ރާއްޖެއިން ބޭރުކުރާ މަހުގެ 85 އިންސައްތަ ބޭރުކުރަނީ ރޯ މަހުގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ފެކްޓަރީތައް އިތުރުކުރަން ޖެހޭ ކަމަށާއި، އެގޮތުން ރާއްޖޭގައި 3 ފެކްޓަރީއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މަސް ރައްކާކުރެވޭނެ ގޮތެއް ނެތުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، ރާއްޖޭގައި ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ރައީސް މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

މަސްވެރިންގެ އަނެއް ކަންބޮޑުވުމަކީ ފަސޭހައިން އައިސް ނުލިބުން ކަމަށާއި، އެކަން ހައްލުކުރުމަށް 21 ރަށެއްގައި އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ސަރުކާރަކުން އެންމެ ގިނަ އައިސްޕްލާންޓު ގާއިމުކުރީ މި ސަރުކާރުން ކަމަށާއި، 5 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އައިސްޕްލާންޓު ގާއިމުކުރި ސަރުކާރަކަށް ތާރީޚުގައި މި ސަރުކާރު ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު