ޓްރޭޑްމާކްގެ ޤާނޫނަށް ރަސްމީކޮށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނީ ބާރު ލިބިގެންވާ ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ތައާރަފުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، ޓްރޭޑްމާކްގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2025) އަށް ރަސްމީކޮށް އަމަލުކުރަން ފެށީ 11 ނޮވެންބަރު 2026 ގައެވެ.
ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގެ ނިޒާމު ހިންގައި ބަލަހައްޓާނީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުންނެވެ. ޓްރޭޑްމާކާ ބެހޭ ގަވާއިދުތައް އާންމުކުރުމާއެކު، ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ޕޯޓަލް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ޤާނޫނަކީ ދިވެހި ބްރޭންޑްތަކާއި އުފެއްދުންތަކާއި ވިޔަފާރިތަކުގެ ނަމާއި އަމިއްލަވަންތަކަމާއި، އެ މަސައްކަތްތަކުގެ ފަހަތުގައިވާ އުފެއްދުންތެރިކަން ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި ބްރޭންޑްތައް ކުރިއަރައި، ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމަށާއި، އެހެން ފަރާތްތަކުން ތަކެތި ނަކަލުކުރުމުން ރައްކާތެރިވުމަށް ވަރުގަދަ ބިންގަލެއް އެޅިގެންދާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.






