ބަހްރައިނުގައި ހުރި އެމެރިކާގެ އަސްކަރީ ރާޑަރަކަށް އަމާޒުކޮށް އީރާނުން މިއަދު ޑްރޯން ހަމަލާތަކެއް ދީފިއެވެ.
ހަމަލާ ދީފައިވަނީ ބަހްރައިނުގެ ދެކުނުގައި އޮންނަ ޝައިޚް ޢީސާ އެއާ ބޭސްގައި ގާއިމުކޮށްފައިވާ އެމެރިކާ އަސްކަރިއްޔާގެ ރާޑަރު ނިޒާމަކަށެވެ.
އީރާނުން ބުނީ، މި ހަމަލާ ދިނީ އެމެރިކާގެ އަސްކަރީ ޑްރޯންތައް އީރާނުގެ ވައިގެ ސަރަހައްދަށް ވަދެ ހިންގަމުންދާ ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް ބަހްރައިނުގެ ވައިގެ ދިފާއީ ނިޒާމުން އެ ހަމަލާތައް ހުއްޓުވައި، ނާކާމިޔާބުކޮށްލި ކަމަށް އެ ޤައުމުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވެއެވެ.
އަނެއްކޮޅުން، ގިނަ ޑްރޯންތަކެއް ބޭނުންކޮށްގެން ދިން ހަމަލާ ކާމިޔާބު ކަމަށާއި ރާޑަރު ހުރި ތަނުން ދުމާއި އަލިފާން އަރާ މަންޒަރު ފެނުނު ކަމަށް އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހަމަލާއާ ގުޅިގެން ބަހްރައިނުގެ ދާޚިލީ ވުޒާރާއިން ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ ފަރާތްތަކަށް ފޯނުތަކުން ނުރައްކަލުގެ އިންޒާރެއް ފޮނުވައި، ރައްކާތެރި ތަންތަނަށް ދިއުމަށް އެދިފައިވެއެވެ.
މީގެ ދެ ދުވަސް ކުރިން ވެސް ބަހްރައިނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާތަކެއް ދީފައިވެއެވެ. ބަހްރައިނަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒު ހުންނަ ޤައުމެވެ.






