Tuesday, November 17
މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް ބަޖެޓު ހަމަޖައްސައިދޭނަން: މިނިސްޓަރު ޒަރީރު

މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް ބަޖެޓުގެ ތެރެއިން ބޭނުންވާ ކަންތައްތައް ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވައިފިއެވެ.

މިނިސްޓަރު މި ޔަޤީންކަން ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ބަޖެޓަށް ޚިޔާލު ހޯދުމަށް ބަޖެޓް ކޮމިޓީއަށް ހާޒިރުކުރުމުން، އިލެކްޝަންސް ކޮމިޝަން (އީސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަނީ އަންނަ އަހަރަށް އެ މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މުއައްސަސާތަކަށް އަބަދުވެސް ބަޖެޓް ކަނޑައަޅަނީ އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅޭނެ ގޮތަށް ކަމަށެވެ. އަދި ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފައިސާ ހަމަޖެއްސުމަށް، ބަޖެޓުގައި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު އެ ހުރިހާ މުއައްސަސާތަކަށް ވެސް އެޝުއަރެންސް ދޭން ބޭނުންވަނީ އެ ބޭފުޅުންގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް އަދި އިތުރަށް އެ ބޭފުޅުންނަށް ބޭނުންވެއްޖެ ނަމަ ވެސް ބަޖެޓް ތެރެއިން އެބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށް،" މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.

މެންބަރުންގެ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއްވެސް މިނިވަން މުއައްސަސާއެއްގެ އަސާސީ ޚިދުމަތަކަށް ނުވަތަ މަސައްކަތަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

އެ މުއައްސަސާތަކުން ހުށަހެޅި ބައެއް ކަންކަމަށް ބަޖެޓުގައި ފައިސާ ނުހިމެނީ އެ ކަންކަމަކީ "ޖަސްޓިފަޔަބަލް" ކަންތައްތަކަކަށް ނުވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުވައްޒަފުން އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ އެކަށީގެންވާ އަދަދަށްތޯ ބެލުމަށް އަންނަ އަހަރު އޮޑިޓެއް ހަދާނެ ކަމަށާއި، ބޭނުންވާ ވަޒީފާތަކަށް ބަލައިގެން މެނުވީ މީހުން ނުނަގާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު