ސުޕްރީމް ކޯޓުގެ ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މި މަގާމު ހުސްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީއެވެ.
އެ މަގާމަށް ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
މި ދެ ބޭފުޅުންގެ ތެރެއިން ސަމީރުގެ ނަން ރައީސަށް ލަފާދިނުމަށް ނިންމިކަން ޖޭއެސްސީގެ މެމްބަރަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، މަޖިލީހުގެ ރުހުން ލިބުމުންނެވެ.
ސަމީރަކީ 2011 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން ސިވިލް ކޯޓުގެ އިސްގާޒީކަން ވެސް ކުރެއްވި އޭނާ، ހައިކޯޓުން ވަކިވެވަޑައިގަތުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ.






