Monday, November 16
ޣައްޒާއަށް ވަގުތުން އިންސާނީ އެހީ ވެއްދުމަށް 4 ޤައުމަކުން އިސްރާއީލަށް ގޮވާލައިފި

ޣައްޒާގެ އެކި ސަރަހައްދުތަކަށް އެއްވެސް ހުރަހެއްނެތި، ވަގުތުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ދިނުމަށް އޮސްޓްރޭލިއާ، ކެނެޑާ، އިޓަލީ އަދި އިނގިރޭސިވިލާތުން އިސްރާއީލަށް ގޮވާލައިފިއެވެ.

އެ ހަތަރު ޤައުމުގެ ޚާރިޖީ ވަޒީރުން ސޮއިކުރައްވައި އާދީއްތަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، މިފަހުން ޣައްޒާއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

ބަޔާނުގައިވާ ގޮތުގައި، ޣައްޒާގެ ރައްޔިތުން ބޯހިޔާވަހިކަމާއި އިންސާނީ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، 150،000 ފޭލިގެއާއި ކޮންމެހެން ބޭނުންވާ ސާމާނު ބޯޑަރުގައި ހިފަހައްޓައި، ޣައްޒާއަށް ވެއްދުން ވަނީ ހުއްޓުވާފައެވެ.

"ލަސްނުކޮށް، ވަގުތުން ވަގުތަށް އަދި އެއްވެސް ހުރަހެއްނެތި ޣައްޒާގެ ހުރިހާ ސަރަހައްދަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ދިނުމަށް އަޅުގަނޑުމެން މިއަދު އިސްރާއީލުގެ ސަރުކާރަށް ގޮވާލަން،" އެ ބަޔާނުގައި ވެއެވެ. ފިނި މޫސުން ފެށުމުގެ ކުރިން ފިޔަވަޅު އަޅައިފިނަމަ މި ހާލަތު ބަދަލުކުރެވިދާނެ ކަމަށް ވެސް އެ ޤައުމުތަކުން ވަނީ ބުނެފައެވެ.

އދ. އާއި އެހީދޭ ޖަމާޢަތްތަކުން ހާމަކުރި ގޮތުގައި، މި މަހު ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެތައް ހާސް ފޭލިގެއެއް ވަނީ ދޮވެވިގެން ގޮސްފައެވެ. ގްލޯބަލް ޝެލްޓަރ ކްލަސްޓަރއިން ލަފާކުރާ ގޮތުގައި، ފިނި މޫސުމާ ކުރިމަތިލުމަށް ޣައްޒާގެ ރައްޔިތުންނަށް މަދުވެގެން 1.7 މިލިއަން ގޮދަޑިއާއި 121،000 ފޭލިގެ ބޭނުންވެއެވެ.

ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބާރުއަޅާ ޕްލޭން ތަންފީޒުކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ޣައްޒާގެ ހުރިހާ ބޯޑަރުތަކެއް ހުޅުވާލުމަށް ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ އިސްރާއީލަށް ގޮވާލާފައެވެ. ޖެނީވާ ކޮންވެންޝަންގެ ދަށުން އާންމުންނަށް އިންސާނީ އެހީ ލިބުމަށް ހުރަސްއެޅުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު