Monday, November 16
ސްޓެލްކޯގެ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތްކުރާނެ: ޑރ. އަޒުވަރު

ސަރުކާރާއި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމަށް އިއްޔެ ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ސެޕްޓެމްބަރު 30 އިން ނޮވެމްބަރު 6 އަށް ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން، އެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމާލެވުނު ކަމަށެވެ. އަދި އެ މަސައްކަތުގައި މުވައްޒަފުން ދެއްކި ހީވާގިކަމަށާއި ކޮށްދިން ބުރަ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާއެކު މުޅި ރާއްޖެއަށް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެންދާނެއެވެ. އެހެންކަމުން، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް އިތުބާރާއެކު ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނާއި ޚާއްޞަކޮށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ޚިދުމަތްތަކާ ހަވާލުވުމަށްފަހު ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ ރަށްރަށުގެ ފެންވަރުގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި، ކުންފުނީގެ ތެރޭގައި ގެންގުޅޭ ހަރުދަނާ އުޞޫލުތައް ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓައިފިނަމަ ދިމާވާ ގިނަ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށްވެސް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި، ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުރީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައާއި ރަށުގެ މެދުތެރޭގައި ކަމަށްވުމުން އަޑާއި ދުމުގެ އުނދަގޫ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް އެފަދަ އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރަށް ބަދަލުކުރުން ކަމަށާއި، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އޭގެ ބޮޑު ބައެއްގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ލިބެމުންދާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ޑރ. އަޒުވަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު