އީރާނުން ބަހްރައިނަށް އަމާޒުކޮށް ދެމުންދާ ޑްރޯން ހަމަލާތަކަކީ އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށާއި، އެއީ މުޅި ސަރަހައްދީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ބަހްރައިނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ބަހްރައިންގެ ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުން ވަނީ އާދީއްތަ ދުވަހު ފޮނުވާލި ޑްރޯންތަކެއްގެ އިތުރުން ވޭތުވެދިޔަ ހުކުރު ދުވަހު ފޮނުވާލި ދެ ޑްރޯން ހުއްޓުވައި، ވައިގެ ތެރޭގައި ނައްތާލާފައެވެ.
މި ހަމަލާތަކުގެ ޒިންމާ އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ އުފުލާފައެވެ. އެ ލަޝްކަރުން ބުނެފައިވަނީ، ބަހްރައިންގެ އައް ރިފާ އެއަރ ބޭހުގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ ރާޑަރު ސިސްޓަމަކަށް ހަމަލާދީފައިވަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އަދާވާތްތެރި އަމަލުތަކުގެ ރައްދުގައި ކަމަށެވެ.
ބަހްރައިނުގެ ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާތަކަކީ އީރާނުން ބަހްރައިނަށާއި އަވަށްޓެރި ޤައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ 2817 ވަނަ ގަރާރާ ސީދާ ޚިލާފު، ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އަދި މި ހަމަލާތައް ދިނުމަށް އީރާނުން ދައްކާ އެއްވެސް ބަހަނާއެއް ބަލައިނުގަންނާނެ ކަމަށާއި، މި ހަމަލާތަކާއި އޭގެ ސަބަބުން ނުކުމެދާނެ އެންމެހައި ނަތީޖާތަކުގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށްވެސް ބަހްރައިނުން ވަނީ ބުނެފައެވެ.
އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން، އަމިއްލަ ދިފާޢުގައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު ބަހްރައިނަށް ލިބިގެންވާ ކަމަށް ހަނދާންކޮށްދީ، އީރާނުގެ ހަމަލާތައް ކުށްވެރިކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބަހްރައިނުން ވަނީ ސަލާމަތީ މަޖިލީހަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ބަހްރައިނަށް އީރާނުން ދިން ހަމަލާތައް ސަޢޫދީ ޢަރަބިއްޔާއިންވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ސަޢޫދީ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބަހްރައިންގެ ސަލާމަތާއި ހަމަޖެހުން ހިމާޔަތްކުރުމަށް އަޅާ ހުރިހާ ފިޔަވަޅެއްގައި ސަޢޫދީ ޢަރަބިއްޔާ އޮތީ ބަހްރައިނާއެކު ކަމަށާއި، އީރާނުގެ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އަވަށްޓެރިކަމުގެ އުސޫލުތަކާ ޚިލާފު ހަމަލާތަކެއް ކަމަށެވެ. އަދި ސަރަހައްދުގެ ޤައުމުތަކަށް އީރާނުން ދޭ ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށްވެސް ސަޢޫދީން ވަނީ ބުނެފައެވެ.






