އާދިއްތަ, November 15
ބޭރުގެ އިންވެސްޓްމަންޓުން މިނިވަންކަމަށް އަސަރެއް ނުކުރާނެ: ނަޝީދު

ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ޤައުމުގެ އިޤްތިޞާދު ވަރުގަދަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވި ޤައުމުތަކުގެ ތެރެއިން ތަރައްޤީގެ މަގުގައި ކުރިއެރުން ހޯދާފައިވަނީ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔައި، އެ ފުރުޞަތުތަކުގެ ބޭނުން ހިފި ޤައުމުތައް ކަމަށެވެ.

ނަމަވެސް، އެފަދަ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ގުދުރަތީ ވަސީލަތްތައް ނެގުމަށް އަމާޒުކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށާއި، އެ ތަކެތި ޕްރޮސެސްކޮށް އުފެއްދުންތެރިކަމަށް މަގުފަހިވާން ލާޒިމުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލު ނަންގަވަމުން ނަޝީދު ވިދާޅުވީ، އެ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ފޯރާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ޤައުމުތަކުގެ އިޤްތިޞާދު ވަރުގަދަވެ، އިސްތިގުލާލު ހިމާޔަތްކުރުމުގެ ޤާބިލުކަން ލިބި، ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ޖާގައެއް ކަށަވަރުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢާ މެދު އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ނަޝީދު ވަނީ އެ މަޝްރޫޢަށް ފާޅުގައި ތާއީދުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު