މާލެއާއި ހުޅުމާލޭގައި ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް ދައުލަތުން 59.35 މިލިއަން ރުފިޔާ ހަރަދުކުރިއަސް ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭތީ، މި މައްސަލަ ބަލައި އިހުމާލުވި ފަރާތެއް ވާނަމަ ފިޔަވަޅު އަޅަން އޮޑިޓް އޮފީހުން ލަފާދީފިއެވެ.
މި ލަފާ ދީފައިވަނީ ހައުސިން މިނިސްޓްރީގެ 2018 އިން 2023 އާ ހަމައަށް ހިމެނޭ އޮޑިޓް ރިޕޯޓުގައެވެ. ރިޕޯޓުގައިވާ ގޮތުން، މާލެއާއި ހުޅުމާލޭގެ 20 ސަރަހައްދެއްގައި ޕާކިން ސިސްޓަމް ބެހެއްޓުމަށް 2016 ވަނަ އަހަރުގެ ޖޫން 26 ގައި 59.9 މިލިއަން ރުފިޔާއަށް އެސްޓީއޯއާ ހަވާލުކުރިއެވެ.
ނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ، 2018 ވަނަ އަހަރުގެ ޖޫން 26 ގައި އެ އެއްބަސްވުން ބާތިލުކުރިއިރު ނިމިފައިވަނީ އެންމެ ދެ ސިސްޓަމެވެ. އޭގެ ފަހުން ނުނިމި ހުރި 14 ސިސްޓަމް ބެހެއްޓުމަށް 14.4 މިލިއަން ރުފިޔާއަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރިއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ފެށުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީއެއް ހަދާފައިވާކަން އެއްވެސް ލިޔުމަކުން އެނގެން ނެތެވެ.
މަސައްކަތް ހުއްޓާލުމަށްފަހު، ސިސްޓަމްތައް ބެހެއްޓުމަށް ގެނައި ތަކެތި އެސްޓީއޯއިން މިނިސްޓްރީއާ ހަވާލުކުރި ނަމަވެސް، ފަހުން އެ ތަކެއްޗަށް ވީގޮތެއް ނޭނގޭ ކަމަށް މިދިޔަ މަހުގެ 5 ވަނަ ދުވަހު މިނިސްޓްރީން ވަނީ އޮޑިޓް އޮފީހަށް އަންގާފައެވެ.
މީގެ އިތުރުން، 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަސައްކަތެއްގެ ބިލަށް ފައިސާ ދައްކަންވާނީ ކޮންސަލްޓެންޓް ތައްޔާރުކުރާ ރިޕޯޓަށް ބެލުމަށްފަހު ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނާ ނަމަވެސް، އެސްޓީއޯއިން ހުށަހެޅި ހަތަރު ބިލަކަށް 9.8 މިލިއަން ރުފިޔާ ދައްކާފައިވަނީ މަސައްކަތް ނިމުނު މިންވަރަށް ބެލުމެއް ނެތި، އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް ކަމަށް އޮޑިޓުން ހާމަވެފައިވެއެވެ.
ބޭރުގެ ކުންފުނިން އެއްވެސް ސިސްޓަމެއް ނިންމިކަން އެނގެން ނެތްއިރު، މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް ބިލުތަކަށް ޖުމްލަ 13.86 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. އަދި އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިން 2.17 މިލިއަން ރުފިޔާގެ ތެރެއިން 1.45 މިލިއަން ރުފިޔާ އަނބުރާ ލިބިފައި ނުވާއިރު، އެ ފައިސާ ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ ބަޖެޓުން 59.35 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫޢުން ރައްޔިތުންނަށް މަންފާއެއް ނުލިބުމަކީ ދައުލަތުގެ ފައިސާއަށް އިހުމާލުވުމެއް ކަމަށާއި، މިއީ މާލިއްޔަތު ގަވާއިދާ ހިލާފު ހުއްދަނޫން އަމަލެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.






