ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑެއް ހޯމަ ދުވަހު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭތީ، ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބަލައި ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ތަހުމީނާ ޢަބްދުލްކަރީމް ވިދާޅުވީ، މި ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދުތަކަށެވެ.
މިދުވަސްވަރު މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން ކަމަށާއި، އެލްނީނޯ އެންމެ ބާރުގަދަވާނީ ޑިސެމްބަރުގައި ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ވިއްސާރައިގައި މިއަދުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާއިރު، ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
އެހެންކަމުން، އެއްގަމާއި ކަނޑުމަގުން ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.






