ސަތޭކަ ކިލޯއަށްވުރެ ގިނަ ޑްރަގް ބަރުކޮށްގެން ސްރީ ލަންކާގެ ދެކުނުން، ރާއްޖޭގެ އިރުއުތުރުން ދަތުރުކުރި މަސްބޯޓެއް ލަންކާގެ ކަނޑުގެ ސިފައިން އަތުލައިގަނެފިއެވެ.
ލަންކާގެ ކަނޑުގެ ސިފައިންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އެ ބޯޓު އަތުލައިގަތް އިރު އޭގައި ފަސް މީހުން ތިބި ކަމަށާއި، އިއްޔެ ހެނދުނު އެ ބޯޓު ލަންކާގެ ގާލޭ ބަނދަރަށް ގެންގޮސްފައިވާ ކަމަށެވެ.
ބޯޓުގައި ހުރި ޑްރަގުގެ ތެރޭގައި ހެރޮއިން އާއި މެތަމްފެޓަމައިން ހިމެނޭ ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ. އެތަކެތި ބަންދުކޮށްފައި ހުރީ ހަ ބަސްތާއެއްގައެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ލަންކާގެ ފައިސާއިން ބަލާއިރު 1.5 ބިލިއަނަށް އަރާ ކަމަށް ވެސް ބުނެފައިވެއެވެ.
ޑްރަގް ބަރުކޮށްގެން ދަތުރުކުރި އެ ބޯޓާއި އޭގައި ތިބި ފަސް މީހުން މިހާރު ވަނީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއާ ހަވާލުކޮށްފައެވެ.






