ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު މައްސަލައިގައި މިއަދު ބާއްވަން ހައި ކޯޓުގައި ތާވަލުކޮށްފައިވާ ފުރަތަމަ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މި އަޑުއެހުން ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދު 13:15 ގައެވެ. ޝާހިދުގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް އިސްތިއުނާފުކުރީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
ހައި ކޯޓުގެ ތާވަލުގައި އޮތް ގޮތުން، މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އިސްމާޢީލް ޝަފީޢު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު، 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރަކާ ގުޅިގެން ފުލުހުން ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭއެވެ. އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.
ހައްޔަރުކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށް ފަތުރަމުންދާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.






