ލޯނެއް ނުދެއްކުމުން ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ރަހުނުތައް ވިއްކާލަން ސިވިލް ކޯޓުން ދިން ހުއްދައާއެކު، ލ. އަތޮޅުގައި ހިންގަމުން އަންނަ ރަހާ ރިސޯޓް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިއުލާނުކޮށްފިއެވެ.
ބީއެމްއެލްއިން ކުރި އިއުލާނުގައިވާ ގޮތުން، ލ. ފަރެސް އަދި ކުޑަފަރެހުގައި ހިންގަމުން އަންނަ 100 ކޮޓަރީގެ މި ރިސޯޓް ވިއްކާލުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 45.6 މިލިއަން ޑޮލަރެވެ.
ރިސޯޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 2 ޑިސެމްބަރު ވާ ދުވަހުގެ މެންދުރު 12:00 އެވެ.
ހެވީލޯޑް ކުންފުންޏަށް ބީއެމްއެލްއިން 2016 ވަނަ އަހަރު ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނު އަނބުރާ ނުދެއްކުމުން، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ ތިން ރަށް ވިއްކާލުމަށް ސިވިލް ކޯޓުން ވަނީ ބީއެމްއެލްއަށް ހުއްދަ ދީފައެވެ.
ކޯޓުން ވިއްކާލުމުގެ ހުއްދަ ދީފައިވަނީ ކުޑަފަރެސްގެ އިތުރުން ލ. ފަރެސް އަދި ލ. ބޮޑުހުރާއެވެ. މީގެ ތެރެއިން ބޮޑުހުރާ ދޫކޮށްފައިވަނީ ދަނޑުވެރިކަމަށެވެ. މި ރަށްރަށުގެ ހެޑް ލީޒްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުއެވެ.
ރަހުނުގެ ގޮތުގައިވާ ތިން ރަށުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގައި ވެސް މޫސާއާއި އޭނާގެ ދަރިންގެ ހިއްސާ އޮވެއެވެ.
މީގެ ކުރިން ވެސް މި ރަށްތައް ވިއްކާލުމަށް ސިވިލް ކޯޓުން ހުއްދަ ދިން ނަމަވެސް، އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލުކޮށްފައެވެ.






