އާދިއްތަ, November 15
ދެމެހެއްޓެނިވި ތަރައްޤީއަށް ފައިސާ ހޯދަން އީޖާދީ މާލީ ވަސީލަތްތައް ބޭނުންކުރަންޖެހޭ: ޔޫއެންޑީޕީ

ދުނިޔޭގެ މާލީ ވެށްޓަށް ހަލުވި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޒަމާނީ އަދި އީޖާދީ މާލީ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ޔޫއެންޑީޕީން ފާހަގަކޮށްފިއެވެ.

މި ވާހަކަ ފާހަގަކުރެއްވީ ދުސިތު ތާނީ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން، ޔޫއެންޑީޕީގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ އެސްޑީޖީ ފައިނޭންސްގެ ރީޖަނަލް ލީޑް ޗާލްސް ޔޫއެވެ.

ފޯރަމަށް ހުށަހެޅުއްވި ކަރުދާހުގައި ޗާލްސް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި އިންޓަރެސްޓް ރޭޓްތައް އުފުލި، ބައިނަލްއަގްވާމީ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ވަކި ސަރަހައްދުތަކަކަށް ހަނިވަމުންދާއިރު، ބޭރުގެ ހިލޭ އެހީގެ ފުރުޞަތުތައް މަދުވަމުންދާ ކަމަށެވެ.

އެހެންކަމުން ބޭރުގެ އެހީތައް ސީދާ އަމިއްލަ ވިޔަފާރިތަކަށް ދިނުމުގެ ބަދަލުގައި، ރާއްޖޭގެ ބޭންކުތަކާއި މާލީ އިދާރާތައް މެދުވެރިކޮށް ދައުރުކުރުމަށް އިސްކަންދޭންޖެހޭ ކަމަށާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖޭގެ މާލީ މުއައްސަސާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ބާޒާރު ހަރުދަނާކޮށް އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށްޓަކައި "ސަސްޓެއިނަބިލިޓީ ލިންކްޑް ބޮންޑް" އާއި "ބްލެންޑެޑް ފައިނޭންސް" ފަދަ އީޖާދީ މާލީ ވަސީލަތްތައް ތައާރަފުކުރުމަށް ޗާލްސް ވަނީ ލަފާއަރުވާފައެވެ.

ރާއްޖެއަށް ބަލާއިރު އެންމެ އުންމީދީ ދާއިރާއަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރަށްރަށުގެ ގޭބިސީތައް އެއް ވިއުގައަކުން ގުޅާލައިގެން ސޯލާ ހަކަތަ ފޯރުކޮށްދެވިދާނެ ކަމަށާއި، ކަރަންޓު ބިލުން ލިބޭ އާމްދަނީ ގެރެންޓީއަކަށް ބަލައި ބޭންކުތައް މެދުވެރިކޮށް ލުއި ލޯނު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަމަށެވެ.

މީގެ އިތުރުން، ތިމާވެށްޓާ ރައްޓެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއް ވިއުގައަކުން ގުޅުވާލައި މާލީ އެހީތެރިކަން ފަހިކޮށްދިނުމަށާއި، އެއް ސަރަހައްދެއްގެ ރިސޯޓުތައް ގުޅިގެން ހިންގާ ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ހަވާލުކުރުމަށް ވެސް ޗާލްސް ވަނީ ބާރުއަޅުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު