ހަންގޭރީގެ ކުރީގެ މިނިސްޓަރެއްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތަހުގީގެއްގެ ތެރެއިން، ޖަންގަލިތަކުގައި ވަޅުލައި ދަނޑުވެރިކަމުގެ އިމާރާތްތަކާއި ގުދަންތަކުގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހޯދައިފިއެވެ.
މި ތަހުގީގު ހިންގަމުން ދަނީ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ސަރުކާރުގައި ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުކަން ކުރެއްވި މިކްލޯސް ސެސްޓާކްގެ މައްޗަށެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ދައުލަތުގެ ބަސް ހިދުމަތާ ގުޅުންހުރި ކަންތައްތަކެއްގައި ރިޝްވަތު ނެންގެވި ކަމަށެވެ.
ހަންގޭރީގެ ނޭޝަނަލް އެސެޓް ރިކަވަރީ އެންޑް ޕްރޮޓެކްޝަން އޮފީސް އިން ހާމަކުރި ގޮތުގައި، ދެ ދުވަހުގެ މުއްދަތަށް ހިންގި އޮޕަރޭޝަނުގައި ޖަންގަލިތަކާއި، ގުދަންތަކާއި، ދަނޑުވެރިކަމުގެ އިމާރާތްތަކާއި، މީހުން ދިރިއުޅޭ ގެތަކުގެ އިތުރުން އެކަހެރި ސަރަހައްދެއްގައި ހުރި ސޭފެއްގައި ފޮރުވާފައި ހުރި ފައިސާ ވަނީ ފެނިފައެވެ.
ފެނުނު ފައިސާގެ ތެރޭގައި 5،071،632،000 ހަންގޭރިއަން ފޮރިންޓާއި، 2،658،350 ޔޫރޯ އަދި 1،257،100 އެމެރިކާ ޑޮލަރު ހިމެނެއެވެ. މި ފައިސާ މިހާރު ވަނީ ހަންގޭރީގެ ދައުލަތުގެ ޚަޒާނާއާ ހަވާލުކޮށްފައެވެ.
ސެސްޓާކް ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.






