Saturday, November 14
ދިވެހި ރުފިޔާގެ ނޫޓެއް ވީދާލި ބިދޭސީއެއްގެ މައްސަލަ ފުލުހުން ބަލަނީ

ދިވެހި ފައިސާގެ ނޫޓަކަށް ގެއްލުންދީ، ކުދިކުދިކޮށް އަނގައިން ވީދާލި ބިދޭސީއެއްގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ، ބިދޭސީ ފިރިހެނަކު ދިވެހި 5 ރުފިޔާގެ ނޫޓެއް އަނގައަށް ލައި، ދަތްތަކުން ވިކައި ކުދިކުދިކޮށް ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް ޓިކްޓޮކްގައި އާންމުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ދިވެހި ފައިސާގެ ނޫޓަކަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ވީޑިއޯ އާންމުވުމާއެކު އާންމުންގެ ތެރޭގައި ބޮޑު ނުރުހުމަކާއި ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ދަނީ މިއީ ޤައުމީ ފައިސާއަށް ކުރި ބޮޑު އިހާނެތިކަމެއްގެ ގޮތުގައި ފާހަގަކޮށް، އެ މީހާއަށް ހައްގު އަދަބު ދިނުމަށް ގޮވާލަމުންނެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ގަވާއިދުތަކުގެ ދަށުން، ދިވެހި ފައިސާގެ ނޫޓަކަށް ގަސްތުގައި އެއްވެސް ގެއްލުމެއް ދިނުމަކީ މަނާ، ޤާނޫނީ ކުށެކެވެ. ބޭނުންކުރުމުގެ ސަބަބުން ނޫޓަށް ލިބޭ ބައުވުން ފިޔަވައި، ނޫޓުގައިވާ ކުރެހުމާއި ސިރިއަލް ނަންބަރު، ސޮއި ނުވަތަ އަސްލު ސިފައަށް ބަދަލު އަންނަ ފަދަ ކަމެއް ކުރުމަކީވެސް މަނާކަމެކެވެ.

ދިވެހި ފައިސާއަކީ ދައުލަތުގެ މިލްކިއްޔާތަކަށް ވާތީ، ފައިސާއަށް ގެއްލުން ދިނުމުން ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި ދައުލަތުގެ ރަސްމީ ލިޔެކިޔުމަކަށް ގަސްތުގައި ގެއްލުން ދިނުމުގެ ދައުވާ ޤާނޫނުލްޢުޤޫބާތުގެ ދަށުން އުފުލިދާނެއެވެ. މިފަދަ ކުށްތަކަށް ޖަލު ހުކުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ފަދަ އަދަބުތައް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު