އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައިވެރިވެވަޑައިގަންނަވާ ތާރީޚީ ސަމިޓެއް، އަންނަ ހަފުތާގައި ޗައިނާގެ ޝެންޒެންގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.
ވައިޓް ހައުސްގެ އެސިސްޓެންޓް ޕްރެސް ސެކްރެޓަރީ ކަށަވަރުކޮށްދެއްވި ގޮތުގައި، މި ބައްދަލުވުން ބާއްވާނީ ޗައިނާގެ ޓެކްނޮލޮޖީގެ މައި މަރުކަޒު ކަމަށްވާ ޝެންޒެންގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގެ އަރިމަތީގައެވެ.
މި ބައްދަލުވުން ބާއްވަނީ، އެމެރިކާއާއި ރަޝިޔާއާ ދެމެދު ނިއުކްލިއަރ ހަތިޔާރު ކޮންޓްރޯލްކުރުމަށް ވެވިފައިވާ އެންމެ ފަހުގެ އެއްބަސްވުން ނިމުމަކަށް އައިތާ ނުވަ މަސް ފަހުންނެވެ. މީގެ ސަބަބުން، ވޭތުވެދިޔަ 50 އަހަރަށް ވުރެ ގިނަ ދުވަސްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކްލިއަރ ބާރުގެ މެދުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ހާލަތެއް ވަނީ ޤާއިމުވެފައެވެ.
ރައީސް ޓްރަމްޕް ވަނީ، ނިއުކްލިއަރ ހަތިޔާރާ ގުޅޭގޮތުން ތިން ޤައުމުގެ މެދުގައި އައު އެއްބަސްވުމަކަށް އައުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި މި ބައްދަލުވުން ފާހަގަކުރައްވާފައެވެ.
"ނިއު ސްޓާޓް" އެއްބަސްވުމުގެ މުއްދަތު މިދިޔަ ފެބްރުއަރީ މަހު ހަމަވުމުން، އެ އެއްބަސްވުން އިތުރު އަހަރަކަށް އިތުރުކުރަން ރަޝިޔާއިން ހުށަހެޅި ނަމަވެސް، ޓްރަމްޕް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އޭގެ ބަދަލުގައި ޓްރަމްޕް ބޭނުންފުޅުވަނީ ޗައިނާވެސް ހިމެނޭ ގޮތަށް، ޒަމާނާ އެކަށޭނަ އައު އެއްބަސްވުމެއް އެކުލަވާލުމަށެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި އެންމެ ގިނަ ނިއުކްލިއަރ ހަތިޔާރު ހުރީ ރަޝިޔާގައެވެ. ދެވަނައަށް އެމެރިކާ އޮތްއިރު، ތިންވަނައަށް އޮތީ ޗައިނާއެވެ.
ރޮއިޓާސްއަށް މަޢުލޫމާތު ދެއްވި އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ސަމިޓަކީ މިފަދަ ފުޅާ މަޝްވަރާތަކުގެ ފެށުމެއް ކަމަށާއި، މި ބައްދަލުވުމުން ވަގުތުން ވަގުތަށް ބޮޑު އެއްބަސްވުމެއް ޤާއިމުކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މީގެ އިތުރުން، ޓްރަމްޕް ގަސްދުކުރައްވަނީ ރައީސް ޝީ އަދި ރައީސް ޕޫޓިންއާއެކު އީރާނުގެ މައްސަލައާ މެދު މަޝްވަރާކުރެއްވުމަށް ކަމަށާއި، ޔޫކްރެއިން ހަނގުރާމައިގެ ވާހަކަތަކުން އެމަނިކުފާނު ދުރުހެލިވެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.






