މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޅ. ނައިފަރު ކައުންސިލާ ގުޅިގެން އެރަށުގައި ކުރިއަށްގެންދިޔަ ވާޓިކަލް ފާމިންގ އަދި ހައިޑްރޮޕޮނިކްސް ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.
ޖުމްލަ 36 ބައިވެރިން ބައިވެރިވި މި ޕްރޮގްރާމް ހިންގީ، ވާޓިކަލް ފާމިންގ އަދި ހައިޑްރޮޕޮނިކްސް ދަނޑުވެރިކަމުގެ އަމަލީ މަޢުލޫމާތާއި ހުނަރު، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އުނގަންނައިދިނުމުގެ މަޤްޞަދުގައެވެ.
ތަމްރީނު ނިންމާ ބައިވެރިންނަށް ސެޓްފިކެޓު ދިނުމުގެ ރަސްމިއްޔާތު މިއަދު ނައިފަރުގައި ބޭއްވިއެވެ. ބައިވެރިން އަމަލީ ގޮތުން ސިސްޓަމްތަކުގައި މުޑުވަށްކުރި ތަކެތި ވެސް މިއަދު ވަނީ ކަނޑާފައެވެ.
ސްކޫލުކުދިން ވެސް ހިމެނޭ ގޮތަށް ދަނޑުވެރިން ބައިވެރިވި މި ތަމްރީނުގައި، ވާޓިކަލް ފާމިންގގެ އަސާސްތަކާއި، އޮށް އިންދުމާއި، ގަސް މުޑުވައް ތައްޔާރުކުރުމާއި، ގަހަށް ބޭނުންވާ ކާނާ މެނޭޖްކުރުމުގެ އިތުރުން، ވާޓިކަލް ފާމިންގ ނިޒާމުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމާ ގުޅޭ މަޢުލޫމާތު ދީފައިވެއެވެ.
ނައިފަރުގައި މި ސިސްޓަމްތައް ގާއިމުކޮށްފައިވަނީ ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު، ޔޫއެންޑީޕީ މެދުވެރިކޮށް ހިންގި "ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ" ގެ ދަށުންނެވެ.






