Saturday, November 14
7،000 އަށްވުރެ ގިނަ މީހުން ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދޭ: އެޗްޕީއޭ

ހަކުރު ބައްޔަކީ ރާއްޖޭގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބަލި ކަމަށާއި، މިހާރު 7،000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ދުނިޔޭގައި ފާހަގަކުރާ ހަކުރު ބަލީގެ ދުވަހާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 7،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަނީ ޓައިޕް 2 ގެ ހަކުރު ބައްޔަށެވެ. 30 އޮކްޓޯބަރުގެ ނިޔަލަށް ޓައިޕް 1 ގެ ހަކުރު ބަލީގެ 300 މީހުން ފަރުވާ ހޯދަމުންދާއިރު، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދައެވެ.

ރާއްޖޭގައި މަރުވާ މީހުންގެ %85 މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށްވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ޓައިޕް 1 ގެ ހަކުރު ބައްޔަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން ނުއުފެއްދުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޓައިޕް 2 ގެ ހަކުރު ބަލި ޖެހެނީ ބަރުދަން އިތުރުވުމާއި، ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ހަށިގަނޑުން އުފައްދާ އިންސިއުލިން އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވޭތީއެވެ.

ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކޮށް، ގަވާއިދުން ކަސްރަތުކުރުމަށާއި، ދުންފަތުގެ އިސްތިއުމާލު ނުކޮށް ދުރާލާ ބަލީގެ ޓެސްޓުތައް ހެދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސްޓެޕް ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި %35.6 ފިރިހެނުން އަދި %7.6 އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް "ނޭޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް މެދުވެރިކޮށް ސްކްރީނިންގ ހަރުދަނާކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް" ތަޢާރަފުކޮށް، މުޅި ރާއްޖޭގައި ޚާއްޞަ ފެތުމުގެ ހަރަކާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު