Saturday, November 14
ޕެންޝަން ފަންޑު 30.3 ބިލިއަން ރުފިޔާއަށް އަރައިފި

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޕެންޝަން ފަންޑުގެ ދަށުން މެނޭޖްކުރާ ޖުމްލަ އެސެޓްސްގެ އަގު 30.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޔަޒްމީދު މި މަޢުލޫމާތު ހާމަކުރެއްވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި މިއަދު ފެށި 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔަޒްމީދު ވިދާޅުވި ގޮތުގައި، ޕެންޝަން އޮފީހުގެ ޑޭޓާ ޕޯޓަލްގައި ޝާއިޢުކޮށްފައިވާ 30 ސެޕްޓެމްބަރު 2026 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204،549 މީހުން ބައިވެރިވެފައިވެއެވެ.

އަދި މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި ފަންޑުން ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، ސަރުކާރުން ދޫކުރާ ޕެންޝަންގެ ގޮތުގައި އެ މުއްދަތުގައި 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، އެންމެ ފައިދާހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވާލުމަށް ކަމަށެވެ.

"ކޮންމެ އިންވެސްޓްމަންޓަކީވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ،" ޔަޒްމީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ތިމާވެށި، އިޖުތިމާޢީ އަދި ހިންގުމުގެ މިންގަނޑުތަކަށް ފެތޭ މަޝްރޫޢުތަކާއި، ކްލައިމެޓް ފައިނޭންސިންގއަށް މަގުފަހިވާނެ އައު ފުރުޞަތުތައް ހޯދުމަށް ޕެންޝަން އޮފީހުން މަސައްކަތްކުރަމުންދާ ކަމަށްވެސް ޔަޒްމީދު ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރުގެ ފޯރަމްގެ މައުޟޫއަކީ ގްރީން ފައިނޭންސް، ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު