އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމާ ގުޅޭގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ވަރުގަދަ ޒުވާބެއް ހިނގާފައިވާ ކަމަށް އިސްރާއީލުގެ "ޔެދިއޯތު އަހްރޮނޯތު" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
މިދިޔަ ހަފުތާ ބަންދުގައި ހިނގި މި ފޯނު ކޯލުގައި ދެ ލީޑަރުންގެ މެދުގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވުނީ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުންނެވެ. އަދި މަސްދަރުތަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ވާހަކަތަކުގެ ތެރޭގައި ދެބޭފުޅުންގެ މެދުގައި ހަޅޭއްލެވުންތަކެއް ހިމެނޭ ވަރުގެ ހޫނު ޒުވާބެއް ވަނީ ހިނގާފައެވެ.
މި ރިޕޯޓުތަކާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. އިސްރާއީލުގެ އިސް އޮފިޝަލަކު ދެ ލީޑަރުންގެ ފޯނު ކޯލު ކަށަވަރުކޮށްދިން ނަމަވެސް، އެއީ އެފަދަ ހޫނު ޒުވާބެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ.
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ބާރުއެޅުމުގެ ގޮތުން ނަތަންޔާހޫ ކޮންމެ ދުވަހަކުހެން ޓްރަމްޕަށް ގުޅުއްވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ޓްރަމްޕް ވަނީ މި ވަގުތު އީރާނަށް އެމެރިކާއިން އަލުން ހަމަލާދިނުމަކީ ނުވުން ގާތް ކަމެއް ކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި އެމެރިކާއިން އިސްކަންދެނީ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށެވެ.






