Thursday, November 12
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ސަފީރު ވިދާޅުވެއްޖެ

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮންނާނެ ކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މި ވާހަކަ ފާހަގަކުރައްވާފައިވަނީ، ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަހުގެ ގޮތުން ބެއިޖިންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅުވައިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ޤައުމީ ކަރާމާތް ރައްކާތެރިކުރުމުގައި ޗައިނާ އަބަދުވެސް ސާބިތުކަމާއެކު ރާއްޖެއާއެކު އޮންނާނެއެވެ. އަދި ރާއްޖޭގެ ޤައުމީ ހާލަތާ އެކަށީގެންވާ ތަރައްޤީގެ މަގެއް އިޚްތިޔާރުކޮށްގެން ކުރިއަށް ދިއުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ޗައިނާގެ ތާއީދު އޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވުމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ވަގުތެއް ކަމަށާއި، ޖުމްހޫރީ ދުވަހަކީ ޤައުމުގެ މާޒީއާއި މިނިވަންކަމާއި ސިޔާދަތާއި މުސްތަޤުބަލަށް ކުރާ އުންމީދުތަކާ މެދު ވިސްނާލުމުގެ ފުރުޞަތެއް ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ގުޅިގެން ތަރައްޤީ ހާސިލުކުރުމަށް ޗައިނާ ތައްޔާރަށް އޮތްކަންވެސް ސަފީރު ހާމަކުރެއްވިއެވެ.

ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރެވުނީ އިއްޔެ، ނޮވެމްބަރު 11 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު