އިންޑިއާގެ ހޯމް މިނިސްޓްރީން އެ ޤައުމުގެ ވިސާ ނިޒާމު ލުއިކޮށް، މައިގަނޑު ވިސާ ކެޓަގަރީތަކުގެ އަދަދު 13 އިން 9 ކަށް ދަށްކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވިސާގެ ސަބް-ކެޓަގަރީތައް 49 އިން 23 އަށް މަދުކޮށް، ވިސާއަށް އެދޭ ފޯމުތަކުގައި ފުރަންޖެހޭ މަޢުލޫމާތުގެ މިންވަރު 70 އިންސައްތައާ ހަމައަށް ވަނީ ކުޑަކޮށްފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވިސާ ކެޓަގަރީތައް 22 އިން 13 އަށް މަދުކުރުމަށްފަހު، މިފަހަރު ބަދަލުތައް ގެނެސްފައިވަނީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ނިޒާމުތައް ދިރާސާކުރުމަށްފަހުއެވެ.
މި ބަދަލުތަކުގެ ތެރެއިން، ކުރިން ދޫކުރަމުން އައި ޓޫރިސްޓް ވިސާގެ ނަން "ވިޒިޓަރ ވިސާ" އަށް ބަދަލުކޮށް، ވީ-1 އަދި ވީ-2 ގެ ނަމުގައި ދެ ބައަކަށް ވަނީ ބަހާލާފައެވެ. 30 ދުވަހުގެ މުއްދަތަށް ގިނަ ފަހަރު އެތެރެވެވޭ ގޮތަށް ދޫކުރާ ވީ-1 ވިސާގެ ދަށުން، ފަތުރުވެރިކަމުގެ އިތުރުން ކުރު މުއްދަތުގެ ވިޔަފާރި ބައްދަލުވުންތަކާއި ސިއްޙީ މަޝްވަރާތަކާއި ކުރު ކޯސްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެއް އަހަރު، ފަސް އަހަރު ނުވަތަ 10 އަހަރުގެ މުއްދަތަށް ދޫކުރާ ވީ-2 ވިސާގައި ފަރުބަދައަށް އެރުމުގެ ހަރަކާތްތައްވެސް ހިމެނެއެވެ.
ބޭސްފަރުވާގެ ވިސާގެ ތެރެއިން އާންމު ފަރުވާތަކަށް އެމް-1 ވިސާ ކަނޑައަޅާފައިވާއިރު، އާޔޫޝް ނިޒާމުގެ ފަރުވާތަކަށް ޚާއްޞަކޮށްފައިވަނީ އެމް-3 ވިސާއެވެ. މި ދެ ވިސާ އާންމު އުސޫލުން ދޫކުރާނީ އެއް އަހަރުގެ މުއްދަތަށް، ގިނަ ފަހަރު އެތެރެވެވޭ ގޮތަށެވެ.
ދަރިވަރުންގެ ވިސާގެ ތެރެއިން ސްކޫލް އަދި ކޮލެޖް ތަޢުލީމަށް އެސް-1 ކަނޑައަޅާފައިވާއިރު، ޕީއެޗްޑީ ހަދާ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކަށް ޚާއްޞަކޮށްފައިވަނީ އެސް-2 ވިސާއެވެ. ވިޔަފާރި ވިސާ ވެސް ވަނީ ބީ-1 އަދި ބީ-2 ގެ ނަމުގައި ދެ ބައަކަށް ބަހާލާފައެވެ.
މީގެ އިތުރުން، ސިއްޙީ ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި އިންޑިއާއަށް ދާ ފަރާތްތަކުން، އެ ދަތުރެއް ކުރާ ބޭނުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރުން ވަނީ މަޖުބޫރުކޮށްފައެވެ.
އާ އުސޫލުތަކާ އެއްގޮތަށް ވިސާ ދޫކުރުމަށްޓަކައި، މި އަހަރުގެ ނިޔަލަށް އައިޓީ ސިސްޓަމްތައް އަޕްޑޭޓްކޮށް ނިންމާނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.






