Thursday, November 12
ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް: ރައީސް

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ތަރައްޤީއަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާއިރު، އެއީ ޤައުމުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ހަވާސާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭގޮތުން ބޭއްވި ހާއްސަ ސެޝަނެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިމުގެ ބައިތަކެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ ދިރިއުޅުމާއި ތާރީޚާއި ޤައުމީ ވަންތަކަމާ ގުޅިފައިވާ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ބިމުން ކިތަންމެ ކުޑަ މިންވަރެއް ގެއްލިގެން ދިޔަޔަސް، އެކަމުގެ އަސަރު ޤައުމުގެ ސިޔާދަތަށް ކުރާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގޮނޑުދޮށްތައް ހިމާޔަތްކުރުމަށާއި، ފަރުތަކާއި ކުޅިފާލާތައް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޭނުމުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި މައުލޫމާތު މުޖުތަމައުތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހެންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެއަކީ އުސްކޮށް ތަރައްޤީކޮށްފައިވާ ސިޓީއެއްގެ ގޮތުގައި ބިނާކުރެވުނު މުހިންމު އިސްތިރާތީޖީ ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ މިންވަރަށްވުރެ އުސްކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްޤީކުރަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު