Thursday, November 12
ނިއު ޒީލެންޑުން 5-0 އިން އިންޑިއާ ބަލިކޮށްފި

ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ނިއު ޒީލެންޑާއި އިންޑިއާ ކުޅެން ހަމަޖެހިފައިވާ ދެ އެކުވެރިކަމުގެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް ނިއު ޒީލެންޑުން ބޮޑު މޮޅެއް ހޯދައިފިއެވެ.

މި މެޗު މިއަދު ކުޅުނީ ނިއު ޒީލެންޑުގެ އޯކްލޭންޑްގައި ހުންނަ ގޯ މީޑިއާ ސްޓޭޑިއަމްގައެވެ.

ނިއު ޒީލެންޑުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފަސްވަނަ މިނިޓުގައި ނިއު ޒީލެންޑުން ލީޑު ނެގީ އިންޑިއާގެ ޑިފެންޑަރު ބިޖޯއި ވާގީސް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ފުރަތަމަ ހާފުގެ އަނެއް ދެ ލަނޑު ޖަހައިދިނީ ޖެސީ ރަންޑަލްއެވެ.

ދެވަނަ ހާފުގެ 57 ވަނަ މިނިޓުގައި ނިއު ޒީލެންޑުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އިނގިރޭސިވިލާތުގެ ނޮޓިންހަމް ފޮރެސްޓަށް ކުޅޭ ފޯވަޑު ކްރިސް ވުޑްއެވެ. 74 ވަނަ މިނިޓުގައި ފަސްވަނަ ލަނޑު ޖެހީ ލަޗްލަން ބޭލިސްއެވެ.

ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކަށް ސީނިއާ ކުޅުންތެރިން ފޮނުވުމަށްޓަކައި، ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއިން ވަނީ ޒުވާން ޓީމެއް ފޮނުވާފައެވެ. ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ޕާކިސްތާން ބަލިކުރުމަށް ފަހު، އެ ސްކޮޑުގެ ތިން ކުޅުންތެރިއަކު ވަނީ ސީނިއާ ސްކޮޑާ ގުޅިފައެވެ.

ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އިންޑިއާ، ސެމީ ފައިނަލުގައި ވާދަކުރާނީ ބޫޓާނާ ދެކޮޅަށެވެ. ނިއު ޒީލެންޑާއި އިންޑިއާ ބައްދަލުވާ ދެވަނަ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު