އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމަ ނިމުމަކަށް އަންނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ، އީރާން ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީއާ ވޮޝިންޓަންގައި ބައްދަލުކުރެއްވުމަށް ފަހުގައެވެ.
ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމާ ދިމާއަށް ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށާއި، ގަތަރާއި ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީ ފަދަ ގަލްފުގެ ބައިވެރި ޤައުމުތަކުން ބޭނުންވަނީ މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް ކަމަށެވެ.
ނަމަވެސް ޓްރަމްޕްގެ ވާހަކަތަކަށް އީރާނުގެ އޮފިޝަލުން ވަނީ ވަރުގަދައަށް ރައްދުދީފައެވެ. އީރާނުގެ އެންމެ އިސް ސެކިއުރިޓީ އޮފިޝަލް މުޙްސިން ރިޒާއީ ސޯޝަލް މީޑިއާގައި ވިދާޅުވީ، އެމެރިކާ އުޅެނީ އުއްމީދު ކަނޑާލާފައިވާ ޖުވާކުޅޭ މީހެއް ފަދައިން ކަމަށާއި، ބަލި ގަބޫލުކޮށް ޚިޔާލީ މަޝްވަރާތަކާ ބެހޭ ދޮގު ޚަބަރު ފެތުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އިސްރާއީލުން މަސައްކަތްކުރަނީ ނިމުމެއް ނެތް ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްދާލަން ކަމަށާއި، "އިސްރާއީލް ފަސްޓް" ވިސްނުން ދޫކޮށްނުލާނަމަ އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ މިސްރާބު ހުންނާނީ އަނދިރިކަމާ ދިމާއަށް ކަމަށެވެ.
އީރާން ހަނގުރާމައަކީ އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ ބަލިވި ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.






