ބަލިމީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހާދިސާތައް ރިޕޯޓުކުރުމަށް ޚާއްޞަ ސިސްޓަމެއް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ތައާރަފުކޮށްފިއެވެ.
"ސޭފްޓީ އިންސިޑެންޓް ރިޕޯޓިންގ އެންޑް ލާނިންގ ސިސްޓަމް" ގެ ނަމުގައި ތައާރަފުކުރި މި ޕްލެޓްފޯމް ތަރައްޤީކޮށްފައިވަނީ ހޮސްޕިޓަލުގެ އައިސީޓީ ޑިޕާޓްމަންޓުންނެވެ. އޭއީއެޗުން ބުނީ، މިއީ ހޮސްޕިޓަލުގައި ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ރިޕޯޓުކުރުން ފަސޭހަކޮށްދީ، ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީތެރިވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސިސްޓަމެއް ކަމަށެވެ.
މި ސިސްޓަމް މެދުވެރިކޮށް، ހިނގާ ހާދިސާތަކުގެ އިތުރުން ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ހާދިސާތަކާއި ނުރައްކާތެރި ހާލަތްތައްވެސް ރިޕޯޓުކުރެވޭނެއެވެ.
މުވައްޒަފުން ކުށްވެރިކުރުމުގެ ބިރު ނައްތާލައި، މިނިވަންކަމާއެކު ކަންބޮޑުވުންތައް ހިއްސާކުރުމަށް ބާރުއެޅުމުގެ ގޮތުން، ރިޕޯޓުކުރާ ފަރާތުގެ ވަނަވަރު ސިއްރުކޮށްގެންވެސް މި ސިސްޓަމް މެދުވެރިކޮށް މައްސަލަތައް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އަދި ހިނގާފައިވާ ހާދިސާތައް މުރާޖަޢާކުރުމާއި، އިސްލާހީ ފިޔަވަޅުތައް އެޅޭ މިންވަރު ބެލުމާއި، ތަކުރާރުވަމުންދާ ނުރައްކާތައް ދެނެގަތުމަށްވެސް މި ސިސްޓަމުގެ އެހީ ލިބޭނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ކޮންމެ ރިޕޯޓަކީ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ތަނުގައި ހާދިސާތައް ހިނގުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
މި ސިސްޓަމް ތައާރަފުކުރުމަކީ އޭއީއެޗް ޑިޖިޓަލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.






