ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމާއި ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާލޭގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސޮއިކުރި މި ފަހުމުނާމާ ހަދާފައިވަނީ "ޓްރެކްޓް" ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒުކުރުމަށެވެ. ރަސްމިއްޔާތުގައި ދެ ފަރާތުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކާރިސާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
އަދި ރައްޔިތުންގެ ބައިވެރިވުމާއެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެކެވެ.
މި އެއްބަސްވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކާއި ގުދުރަތީ ގޮތުން ދިމާވާ ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި އަވަހަށް މަޢުލޫމާތު ފޯރުކޮށްދީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެޅެންހުރި ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.






