Saturday, November 7
ޕެރަގުއޭގެ ރައީސް ޕެންޔާ މަގާމުން ވަކިކޮށް ހައްޔަރުކޮށްފި

ޕެރަގުއޭގެ ޑިޖިޓަލް ބޭންކެއް ކަމަށްވާ އުއެނޯ ބޭންކު ބަންގުރޫޓުވެ ޚިދުމަތް ހުއްޓުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ސަންތިއާގޯ ޕެންޔާ ވެރިކަމުން ވަކިކޮށް ހައްޔަރުކޮށްފިއެވެ.

ސެނެޓުގެ 44 މެންބަރުންގެ އިއްތިފާގުން ޕެންޔާ މަގާމުން ވަކިކުރަން ނިންމިތާ މާގިނައިރުތަކެއް ނުވަނީސް، ވެރިރަށް އަސުންސިއޯންގައި ހުންނަ އޭނާގެ ޒާތީ ގެކޮޅުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ޕްރޮސެކިއުޓަރުން އޭނާ ހައްޔަރުކުރީ އަމިއްލަ މަސްލަހަތު އިސްކުރުމާއި، ގަވާއިދާ ޚިލާފު މާލީ މުއާމަލާތްތަކުގެ އިތުރުން ޚިޔާނާތްތެރިވުމުގެ ތުހުމަތުގައެވެ. ގާނޫނާ ޚިލާފަށް ސަރުކާރުގެ އެކި އިދާރާތަކާއި ޕެންޝަން ފަންޑުތަކުގެ އެތައް ސަތޭކަ މިލިޔަން ޑޮލަރެއް އެ ބޭންކުގައި ޖަމާކުރުމުގެ ފުރުސަތު ޕެންޔާ ފަހިކޮށްދެއްވި ކަމަށް މެންބަރުން ބުނެއެވެ.

އެ ބޭންކުގެ އޮޕަރޭޝަންތައް ހުއްޓާލުމާ ގުޅިގެން، ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއް ކަމަށްވާ 2.94 މިލިޔަން ކަސްޓަމަރުންގެ ފައިސާގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާއި ޕެންޝަން ފަންޑުތަކުގެ ފައިސާ ވަނީ ނުނެގި ތާށިވެފައެވެ.

ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ނައިބު ރައީސް ޕެދްރޯ އަލިޔާނާ ވިދާޅުވީ، މި މާލީ ގެއްލުމާ ކުރިމަތިލާންޖެހުނު އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށާއި އެ އެންމެންނަށްވެސް ބަދަލު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަލިޔާނާ ފުރިހަމަކުރައްވާނީ 2023 އިން 2028 އަށް ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު