ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރުމާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި ކަނޑުތަކުގެ ވެރިކަން އިންސާފުވެރިކަމާއެކު ހިންގުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސްގެ 7 ވަނަ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ޝިޔާމް ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުން މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ތަރައްގީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ މަންފާއާއި ފުރުސަތުތައް ފަހިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.






