Saturday, November 7
ދިވެހި ބަހުގެ މަޝްހޫރު މުދައްރިސް މޫސާ އަލީ ނިޔާވެއްޖެ

ގާތްގަނޑަކަށް 50 އަހަރު ވަންދެން ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި، ދިވެހި ބަހުގެ މަޝްހޫރު މުދައްރިސް މޫސާ އަލީ މިއަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ އަލީ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އުމުރުން އެންމެ 16 އަހަރުގައި، ޖޫން 17، 1958 ގައި ދައުލަތުގެ ވަޒީފާއަށް ވަދެވަޑައިގެންނެވި މޫސާ އަލީ ފުރަތަމަ މަސައްކަތްކުރެއްވީ ހަމީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައެވެ. އޭގެފަހުން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވި އޭނާ، ސްރީލަންކާގައި ތިބި ދިވެހި ކުދިންނަށް ކިޔަވައިދެއްވުމަށް އަށް އަހަރު ވަންދެން އެ ޤައުމުގައި ވެސް އުޅުއްވިއެވެ.

ނޮވެމްބަރު 7، 1967 ގައި އަމީނިއްޔާ ސްކޫލްގެ މުދައްރިސަކަށް ހަމަޖެއްސެވުމަށްފަހު، ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް އެ ސްކޫލްގައި ކިޔަވައިދެއްވިއެވެ. ދެން އޭރުގެ އެއާޕޯޓް އޮފީހާއި މުވާސަލާތީ ޑިޕާޓްމަންޓުގައި ވެސް މަސައްކަތްކުރެއްވިއެވެ.

ފަހުން އަނެއްކާވެސް އަމީނިއްޔާއަށް ބަދަލުކުރެއްވުމުން، އެ ސްކޫލްގައި 28 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އިރު، އެ ސްކޫލްގެ ދިވެހި ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު 20 އަހަރު ވަންދެން ފުރުއްވިއެވެ.

އަމީނިއްޔާގެ ދިވެހި އަދަބީ ޖަމިއްޔާ "އެކުވެރިކަމުގެ ޗޭނު" އުފައްދަވައި 25 އަހަރު ވަންދެން ހިންގެވި މޫސާ އަލީ، އެ ދުވަސްވަރު މާލޭގައި ހިންގި އަމިއްލަ ސްކޫލެއް ކަމަށްވާ އީޕީއެސްއެސްގައި ވެސް 25 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި އަދި އިސްލާމް މާއްދާ ކިޔަވައިދެއްވިއެވެ.

ޖުމްލަ 49 އަހަރާއި 10 މަސް ވަންދެން މެދުނުކެނޑި ދައުލަތަށް ޚިދުމަތްކުރެއްވި މޫސާ އަލީ ރިޓަޔާކުރެއްވީ މޭ 1، 2008 ގައެވެ.

މިނިވަން 25 ގެ އިނާމާއި، ދިވެހި ބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު މޫސާ އަލީއަށް ލިބިވަޑައިގެންފައިވާއިރު، 2023 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު