Saturday, October 31
ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ 25-34 އަހަރުގެ އަންހެން ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އުމުރުން 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 15 އިންސައްތައަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ހަމަ އެ އުމުރުފުރާގެ ފިރިހެން ފަތުރުވެރިންނެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުން ފިޔަވައި، އެހެން ހުރިހާ އުމުރުފުރާއަކުން ވެސް ފިރިހެނުންނަށްވުރެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އަންހެން ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ޖުމްލަ 1،775،974 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރެއިން 74 އިންސައްތަ، ނުވަތަ 1،292،053 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން، ނުވަތަ 21.6 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. ހޮޓާތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 39،112 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި 18.9 އިންސައްތައާއެކު އޮތީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ ޔޫކޭއެވެ. ހަތަރުވަނައިގައި ޖަރުމަނުވިލާތް އޮތްއިރު، ފަސްވަނައިގައި އޮތީ އިޓަލީއެވެ.

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމު ކަމަށްވާ އިންޑިއާ މިހާރު އޮތީ ލިސްޓުގެ ހަވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު