މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި އަމިއްލަ ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު، އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނަގާނެ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ދައުލަތުގެ ސިއްހީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމުގެ ގޮތުން ގެނެވޭ މި ބަދަލާ ގުޅޭ އުސޫލު، ވުޒާރާއިން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
އެ އުސޫލުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނަގާނީ ހަމައެކަނި އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންނެވެ.
ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާ އެއްވެސް ފަރާތެއްގެ އަތުން މިފަދަ ފީއެއް ނުނަގާނެ ކަމަށް ވުޒާރާއިން ބުނީއެވެ. އަދި އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައި، މިހާރު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.
އާމްދަނީ ބޮޑު ނަމަވެސް، ޤައުމަށް ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި އެފަދަ ފަންނުވެރިން ޤައުމުގައި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން، ބައެއް ފަރާތްތައް މި އުސޫލުން ވަނީ އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން، އަދި އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން ހިމެނެއެވެ.
މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހެވެ.
އެ ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި، އެ ފައިސާ ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން އަސާސީ ކަންކަމަށާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށެވެ.






