Friday, October 30
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ފެސްޓިވަލް ރާއްޖޭން މޮޅަކާއެކު ނިންމާލައިފި

އަޒަރުބައިޖާންގެ ބަކޫގައި ކުރިއަށްދިޔަ ފުރަތަމަ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ފެސްޓިވަލްގައި ކުޅުނު ފަހު މެޗުގައި ބްރިޓިޝް ވާޖިން އައިލެންޑްސް 2-0 އިން ބަލިކޮށް، ރާއްޖޭގެ 15 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުން މުބާރާތް ނިންމާލައިފިއެވެ.

މި މޮޅާއެކު، މުބާރާތުގައި ވާދަކުރި 189 ޤައުމުގެ ތެރެއިން ރާއްޖެއަށް ލިބުނީ 159 ވަނަ ރޭންކިންއެވެ.

ބަކޫގެ 20 ދަނޑު އެކުލެވޭ ކޮމްޕްލެކްސްގައި ބޭއްވި މި މުބާރާތުގައި މުޅި ދުނިޔެއިން 4,000 އަށްވުރެ ގިނަ ކުޅުންތެރިންނާއި، ކޯޗުން އަދި އޮފިޝަލުން ބައިވެރިވިއެވެ. މުބާރާތް ކުރިއަށްދިޔައީ 8-އެ ސައިޑް ފޯމެޓަށެވެ.

ރާއްޖެ ހިމެނުނީ ގްރޫޕް "އޭ" ގައެވެ. ރާއްޖެއާއެކު މި ގްރޫޕުގައި ފްރާންސާއި ސައުތު އެފްރިކާގެ އިތުރުން އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާ ވާދަކުރިއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން ރާއްޖެ ބަލިވި ނަމަވެސް، އަންގީލާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ގްރޫޕް ސްޓޭޖަށްފަހު ރާއްޖޭގެ ޓީމު ދިޔައީ ޓިއާ "އީ" ގެ ރޭންކިން މެޗުތަކަށެވެ.

ރާއްޖޭގެ ޓީމު މި މުބާރާތާ ކުރިމަތިލީ ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ބޭއްވުމަށް ފާސްކުރި މި މުބާރާތަކީ ފީފާގެ މެމްބަރު ހުރިހާ ޤައުމަކަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ކުރިއަށްދިޔައީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަންހެން ކުދިންނަށް ޚާއްސަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު