Friday, October 30
ޒުވާނުންނަށް ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަނީ: އައިޖީއެމްއެޗް

ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، އޭގެ ތެރޭގައި އުމުރުން ހަގު މީހުން ގިނަކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ ވިދާޅުވީ، އެ ހޮސްޕިޓަލުގެ ޑޭޓާތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެކަނިވެސް ސްޓްރޯކް ޖެހިގެން 500 މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އެ ހޮސްޕިޓަލުގައި ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ ކޮންމެ ފަސް މީހަކުން އެކަކީ އުމުރުން 45 އަހަރުން ދަށުގެ މީހެކެވެ. ބައެއް ފަހަރު އުމުރުން އެންމެ 16 އަހަރުގެ ކުދިންނަށްވެސް ސްޓްރޯކް ޖެހިގެން ފަރުވާ ދޭންޖެހިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ޑރ. އާފީ ފާހަގަކުރެއްވި ގޮތުގައި، ލޭމަތިވުމާއި، ހަކުރުބަލި އަދި ލޭގައި ކޮލެސްޓްރޯލް މަތިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ބަލިތަކެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޒުވާނުންނާއި އުމުރުން ހަގު މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު، ކުރިއާ އަޅާބަލާއިރު ސްޓްރޯކް ޖެހޭ ނިސްބަތް މިހާރު 50 އިންސައްތަ އިތުރުވެފައިވާ ކަމަށް ޑރ. އާފީ ވިދާޅުވިއެވެ. އަދި އުމުރުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އުމުރުދުވަހުގެ ތެރޭގައި ސްޓްރޯކެއް ޖެހުމުގެ ރިސްކު 25 އިންސައްތައިގައި އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު އެންމެ ގިނައިން މީހުން މަރުވާ މައިގަނޑު ސަބަބަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާއިރު، އޭގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ހިތުގެ ބަލިތަކެވެ.

ސްޓްރޯކަކީ ސިކުނޑީގެ ލޭހޮޅިއެއް ބެދުމުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ދިމާވާ ވަރަށް ނުރައްކާތެރި ސިއްޙީ ޙާލަތެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެއްފަޅިން ވާގިނެތުމާއި، މޫނުގެ އެއްފަރާތް ދަމައިގަތުމުގެ އިތުރުން ވާހަކަދައްކަން އުނދަގޫވުން ފަދަ ސީރިއަސް އަލާމާތްތައް ފެނެއެވެ. މިފަދަ އަލާމާތެއް ފެނުމާއެކު ލަސްނުކޮށް އަވަހަށް ފަރުވާ ހޯދުމަކީ ބަލިން ފަސޭހަވުމަށް އެންމެ މުހިންމު ފިޔަވަޅު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ސްޓްރޯކް ޖެހޭ ބަލިމީހުންގެ ރިކަވަރީ މަރުޙަލާގައި، ޚާއްޞަކޮށް ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ގޭގައި ބަލިމީހާ ބެލެހެއްޓުމާއި، ކާންދިނުމާއި، ފިޒިއޮތެރަޕީ ދިނުމުގައި ޢާއިލާގެ އެހީތެރިކަމާއި އަޅާލުން ނުހަނު ބޮޑަށް ބޭނުންވާނެކަން ޑރ. އާފީ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު