Thursday, October 29
އިންތިޚާބު ވަގަށް ނަގާފައިވާ ކަމަށް ނަތަންޔާހޫގެ ޕާޓީން ތުހުމަތުކޮށްފި

އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގައި ސާފު ކާމިޔާބީއެއް ނުލިބުމާ ގުޅިގެން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީން އަރަބި މާކަންކޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.

ލިކުޑް ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ތުހުމަތުކޮށްފައިވަނީ، އަރަބި ޕާޓީތަކުން ވޯޓަރުންނަށް ފައިސާ ބެހުމާއި، ބިރުދެއްކުމާއި، ވޯޓު އޮޅުވާލުން ފަދަ ޖިނާއީ ކުށްތައް ކޮށްގެން ނަތީޖާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި އެ ޕާޓީން ވަނީ އެކަމާ ގުޅޭ އެތައް ސަތޭކަ ހެއްކާއި ބަޔާންތައް ފުލުހުންނަށާއި، ދާޚިލީ ޖާސޫސީ އިދާރާ (ޝިން ބެޓް) އަދި އިންތިޚާބީ އިދާރާތަކަށް ހުށަހަޅައި، ވަގުތުން ތަހުގީގެއް ފެށުމަށް ގޮވާލާފައެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި، މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ދައްކާފައި ނުވާއިރު، އިސްރާއީލުގެ ފުލުހުންނާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި އަރަބި ޕާޓީތަކުން އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ވޯޓުގެ 98.17 އިންސައްތަ ގުނާފައިވާއިރު، ނަތަންޔާހޫގެ ކަނާތުފިޔައިގެ ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 53 ގޮނޑިއެވެ. އަނެއްކޮޅުން އެއިޒެންކޮޓް އިސްކޮށް ހުންނަވާ އިދިކޮޅު ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 48 ގޮނޑިއެވެ. 120 ގޮނޑި ހިމެނޭ ކްނެސެޓްގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު އެއްވެސް ފަޅިއަކަށް ކަށަވަރުވެފައެއް ނުވެއެވެ.

މި އިންތިޚާބުގައި އަރަބި ޕާޓީތަކުން ވަނީ ކުރިން ލިބުނު 10 ގޮނޑީގެ ބަދަލުގައި 19 ގޮނޑި ކާމިޔާބުކޮށްފައެވެ. އެގޮތުން ޖޮއިންޓް ލިސްޓްއަށް 12 ގޮނޑި އަދި ރަޢަމް ޕާޓީއަށް ހަތް ގޮނޑި ލިބޭނެ ކަމަށް އިންތިޚާބީ އަންދާޒާތަކުން ދައްކައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަލަސްތީނު ދަރިކޮޅުގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުން މި އިންތިޚާބުގައި ވޯޓުލާފައިވެއެވެ. ފާއިތުވި އަހަރުތަކުގައި އަރަބި އަވަށްތަކުގައި ވޯޓުލާ ނިސްބަތް އާންމުކޮށް ހުންނަނީ 45 އިންސައްތައާއި 65 އިންސައްތައާ ދެމެދުގައެވެ.

އިސްރާއީލުގެ އަސާސީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ހަތް ދުވަހުގެ ތެރޭގައި، ސަރުކާރެއް އެކުލަވާލުމުގެ ފުރަތަމަ ފުރުސަތު ދެއްވާނެ މެންބަރަކު ރައީސް އައިޒެކް ހަރްޒޮގް ކަނޑައަޅުއްވާނެއެވެ. އެ ފުރުސަތު ލިބިވަޑައިގަންނަވާ ބޭފުޅަކަށް ސަރުކާރެއް އެކުލަވާލުމަށް 28 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާއިރު، ރައީސަށް ފެނިވަޑައިގެންފި ނަމަ އެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށްދެއްވުމުގެ ބާރު ލިބިގެންވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު