ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ ޢަލީ ޖަލީލް ޢައްޔަންކޮށްފިއެވެ.
މި މަޤާމަށް މޫސާ ޢަލީ ޖަލީލް ޢައްޔަންކުރެއްވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވެއެވެ. ރައީސް އޮފީހުގެ އޮފިޝަލަކު ބުނީ، އެ މަޤާމަށް ޖަލީލް ޢައްޔަންކުރެއްވީ އިއްޔެ ކަމަށެވެ.
އެންސީޓީސީއަކީ ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް، ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މަރުކަޒެކެވެ.
ޖުލައި 3، 1980 ވަނަ އަހަރު ލާންސް ކޯޕްރަލް ރޭންކުގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި މޫސާ ޢަލީ ޖަލީލް ވަނީ ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވީ 6 ނޮވެމްބަރު 2008 އިން ފެށިގެން 9 ފެބްރުއަރީ 2012 އަށެވެ. އޭގެ ފަހުން އޭނާ ވަނީ ސިފައިންގެ ޚިދުމަތުން ރިޓަޔާކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލީލް ވަނީ ޑިފެންސް މިނިސްޓަރުގެ މަޤާމު ވެސް އަދާކުރައްވާފައެވެ. މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ޖަލީލް ވާދަކުރެއްވި ނަމަވެސް، އެ އިންތިޚާބުން ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.
2024 ވަނަ އަހަރު 3 ނޮވެމްބަރުގައި ބޭއްވި ނަޞްރުގެ ދުވަހުގެ ޖަލްސާގައި މޫސާ ޢަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވެއެވެ.






