ސްރީލަންކާ ޕޮލިސްގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގާ އަށް ހަފުތާގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ 36 އޮފިސަރަކު އެ ގައުމަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
މި ތަމްރީނަށް ފުރާ އޮފިސަރުންނާ ބައްދަލުކުރުމަށްޓަކައި މިއަދު ވަނީ އިސްކަންދަރު ބިލްޑިންގގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަނެވެ. ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި ތަމްރީނަށް ހޮވިފައިވާ 36 އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތުދީފައިވާ ގޮތުން، އަންނަ ނޮވެމްބަރު 2 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ސްރީލަންކާގައި ކުރިއަށްގެންދާ މި ތަމްރީނަކީ ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުމާއި ތަމްރީނުގެ ދާއިރާއިން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، 13 އަހަރުގެ މެދުކެނޑުމަކަށްފަހު މި ތަމްރީނުގައި ދިވެހި ފުލުހުން އަލުން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި، ސްރީލަންކާ ޕޮލިސް އަދި އެސްޓީއެފްގެ އިތުރުން ސަފީރު މުޙައްމަދު ރިޒްވީ ޙަސަނަށް ކޮމިޝަނަރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ތަމްރީނުގެ މުއްދަތުގައި ސާބިތުކަމާއެކު ފުރިހަމަ ޑިސިޕްލިން އަދި ޕްރޮފެޝަނަލިޒަމް ދެއްކުމަށާއި، މުދައްރިބުން ދެއްވާ އިރުޝާދުތައް ކަނުލައި އަޑުއަހައި ފުރިހަމަ ގޮތުގައި އުނގެނުމަށް ކޮމިޝަނަރު އޮފިސަރުންނަށް ބާރުއެޅުއްވިއެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ސުލޫކީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.






