Thursday, October 29
ތިނަދޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި

ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް އަމާޒުކޮށްގެން، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސްއާއި ތިނަދޫ ޕޮލިހުން ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް ޔުނިޓުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ނަމަވެސް، އޮޕަރޭޝަން މިހާރުވެސް ހިނގަމުންދާތީ، އެކަމާ ގުޅޭ ތަފްޞީލު ފަހުން ހާމަކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އަހަރުގެ ޖުލައި މަހުން ފެށިގެން މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ފެށި ޚާއްޞަ މަސައްކަތްތަކުގެ ދަށުން، މިދިޔަ ސެޕްޓެމްބަރު މަހުގައިވެސް ތިނަދޫގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފައިވެއެވެ. އެ އޮޕަރޭޝަނުގައި ތިނަދޫގެ އެކި ގެތައް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ނެޓްވޯކްތަކުގައި އިސްކޮށް އުޅޭ ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.

މީގެ އިތުރުން، ތިނަދޫ ސިޓީގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ނެޓްވޯކެއްވެސް ކޯޓު އަމުރެއްގެ ދަށުން ހިންގި ރޭޑެއްގައި ފުލުހުން ވަނީ އަތުލައިގެންފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި މަހުގެ ތެރޭގައި މާލޭގައިވެސް ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ބޮޑު ނެޓްވޯކެއް ފުލުހުން ވަނީ އަތުލައިގެންފައެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ކަނޑައެޅޭނެ ގޮތަށް ޤާނޫނަށްވެސް ބަދަލުތަކެއް ގެނެވިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު