ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކަށް ކުނި އަޅާފައި ހުރި ބެލޫންތައް ފޮނުވުމުގެ ކެމްޕެއިނާއެކު އުތުރު ކޮރެއާއިން ހައްދުފަހަނަޅައި ގޮސްފިނަމަ ހަރުކަށި ރައްދެއް ދޭނެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އެންކޭ ނިއުސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ހޯމަ ދުވަހު މި އިންޒާރު ދީފައި މިވަނީ އާދީއްތަ ދުވަހުގެ ހަވީރުން ފެށިގެން ހޯމަ ދުވަހުގެ ފަތިހުގެ ނިޔަލަށް ޕިޔޮންގްޔަންގް އިން ފޮނުވާލި ބެރޭޖުގެ ސަބަބުން ދެކުނު ކޮރެއާގެ މައި އިންޓަނޭޝަނަލް އެއާޕޯޓުގެ ގިނަ އަދަދެއްގެ ފްލައިޓްތައް މެދުކަނޑާލަންޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ދެކުނު ކޮރެއާގެ ސިއޯލްގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭސީއެސް) ގެ ތަރުޖަމާނު ކާނަލް ލީ ސަންގް-ޖޫން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިފަދަ ހާދިސާތަކަކީ "ނުރައްކާ ބޮޑު" ކަމެއްގެ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން ދެކޭ ކަމަށެވެ.
”އަޅުގަނޑުމެންގެ ރައްޔިތުންގެ ސަލާމަތަށް ސީރިއަސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ނުވަތަ އުތުރުން މި މައްސަލައާ މެދު ހައްދު ފަހަނަޅައި ގޮސްފި ނަމަ އަޅުގަނޑުމެންގެ އަސްކަރިއްޔާއިން ހަރުކަށި އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ،" ލީ ވިދާޅުވި އެވެ.
އުތުރުން ފޮނުވި ބައެއް ބެލޫންތަކުގައި ޓައިމަރ ޑިވައިސްތައް ހަރުކޮށްފައި ހުންނައިރު އެއީ އަލިފާން ރޯވެދާނެ ކަމަށް ބެލެވޭ ޑިވައިސްތަކެއް ކަމަށް އެ ގައުމުގެ ނޫސްތަކުން މައުލުމާތުދެއެވެ.
އުތުރު ކޮރެއާއިން އަވަށްޓެރި ގައުމާއި ދިމާލަށް ކުނިއަޅާފައިވާ ބެލޫންތައް ފޮނުވަން ފެށީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ބަދަލުގައި ދެކުނު ކޮރެއާއިން ވަނީ މިދިޔަ ޖުލައި މަހު ދެ ގައުމު ގުޅޭ ބޯޑަރު ލައުޑްސްޕީކަރުތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ފުލް ސްކޭލް ޕްރޮޕެގެންޑާ ބްރޯޑްކާސްޓްކުރަން ފަށައިފަ އެވެ.
މި ލިޔުން ކިޔާލުމުން