2022 ޖުލައި 13 ވަނަ ދުވަހު ސްރީލަންކާގެ ރިޔާސީ ގަނޑުވަރުގައި ގިނަ ބަޔަކު އެއްވެ އުފާ ފާޅުކުރީ އޭރުގެ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ފިލަން މަޖުބޫރު ކުރުވާފައެވެ. އޭރު އެހިސާބަށް ކަންތައް ދިޔައީ ލަންކާގެ އެކި ކަންކޮޅުތަކުން އެތައްހާސް ބަޔަކު ނިކުމެ މުޅިގައުމުގައި އިއުލާންކޮށްފައި އޮތް ކާފިއު އާ ދެކޮޅަށް ކުރި ހިތްވަރުގަދަ މުޒާހަރާތައް ހޫނުވެގެންނެވެ.
ވެރިކަމާ ދެކޮޅަށް މަސް ތަކަކަށް ދެމިގެން ދިޔަ މުޒާހަރާތައް ނިމުމަކަށް އައިސްފައިވަނީ ހީވެސްނުކުރާ ގޮތަށް 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ރާޖްޖޕަކްސާ އާއިލާއިން ޒަމާންތަކެއް ވަންދެން ލަންކާގައި ކުރަމުން އައި ވެރިކަން ނިމުމަކަށް ގެނެސްފައެވެ.
އެއީ އޭގެ މަދު މަސްކޮޅެއް ކުރިން ހިނގާފާނެ ކަމަށް ބަޔަކު ހީވެސް ނުކުރާފަދަ ކަންތައްތަކެކެވެ. ސަބަބަކީ ޒަމާންތަކެއް ވަންދެން ރާޖަޕަކްސާ އާއިލާ އިން ލަންކާގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަކޮށްފައި އޮތް މިންވަރުންނެވެ.
ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ލަންކާއިން ކުރަމުން ދިޔަ ދިގު ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޒައާމަތުގައެވެ.
މި ކާމިޔާބީގެ ސަބަބުން ލަންކާގައި ރާޖަޕަކްސާގެ މަގުބޫލުކަން ވަރަށްބޮޑަށް އޭރު އިތުރުވިއެވެ. އަދި ލަންކާގެ މެޖޯރިޓީ މިހުންނަކީ ސިންގަޅަ މީހުން ކަމުން ގައުމީ ބަތަލެލެއްގެ ގޮތުގައި ސިޔާސީ މަސްރަހުގައި ރާޖަޕަކްސާ ފައިތިލަ ވަރުގަދަ ކުރިއެވެ.
ވެރިކަމުގައި ހުރެ ސިޔާސީ ބާރުގަދަވަމުން ދިޔަ ވަރަކަށް ރާޖަޕަކްސާ އޭނާގެ އާއިލާ ނުފޫޒުވެސް ލަންކާގެ ކަންކަމުގެ ތެރެއަށް ވެއްދިއެވެ. މިގޮތުން އޭނާގެ ކޮއްކޮ ގޮޓަބަޔާ ޑިފެންސް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވައި ، އިތުރު ދެ ކޮއްކޮއިން ކަމުގައިވާ ބާސިލް އާއި ޗަމަލް ފިނޭންސް މިނިސްޓަރުގެ މަގާމާއި މަޖިލީހުގެ ރައީސްގެ މަގާމަށް ގެންނެވިއެވެ.
"ސިންގަޅަ ގައުމިއްޔަތު" ގެ ނިވަލުގައި ސިޔާސީ ހަތިޔާރަކަށް އެކަން ބޭނުންކޮށްގެން ސިންގަޅައިންގެ ބޮޑު ތާއިދެއް އަހަރުތަކެއް ވަންދެން ރާޖަޕަކްސާ އާއިލާއިން ދެމެހެއްޓިއެވެ. އަދި އެ މުއްދަތުގައި ކޮރަޕްޝަނާއި، އިގްތިސާދީ ނިންމުންތަކާއި ، ވެރިކަން ހިންގުމުގައި ހުރި ދޯދިޔާ ކަންކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކަށް މާ ބޮޑު ފިއްތުންތަކެއް ކުރިމަތި ކުރުވުމުގެ ފުރުސަތެއް ލިބިފައި ނުވެއެވެ.
އެކަން ބަދަލުވީ 2022 ވަނަ އަހަރު ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމުގެ ތެރެއިންނެވެ. މަހިންދާ ރައީސަކަށް ވެވަޑައިގެންނެވިތާ ސަތާރަ އަހަރު ފަހުން ގޮތަބަޔާ ވެރިކަމުން ވެއްޓުމުގެ އުފާ މުޅި ލަންކާގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކުން ފާޅުކުރުމުން އެ އާއިލާގެ ނުފޫޒު ލަންކާއިން ނިމިއްޖެކަން ޔަގީންވިއެވެ.
ނަމަވެސް މިއީ އޭގެ ދެ އަހަރު ފަހެވެ. މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ވަނީ މި މަހު 21 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމާފައެވެ.
ގޮތަބަޔާ ވެރިކަމުން ދުރުވެ ދައުރުގެ ބާކީ އޮތް ދެ އަހަރު ރައީސް ކަމަށް އައްޔަން ކުރެއްވީ އޭރު އިދިކޮޅު ސިޔާސީ ބޭފުޅެއް ކަމަށްވާ ރަނިލް ވިކްރަމަސިންހަ އަށް މިހާރުވަނީ ރާޖަޕަކްސާ އާއިލާ އެނބުރި ބާރުވެރިކަމަށް އައުމަށް އެހިތެރި ވި ކަމުގެ ތުހުމަތު ކުރެވިފައެވެ.
މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު އޮންނަ އާއިލާ ނިސްބަތްވާ ސްރީލަންކާ ޕޮޑޫ ޖަނާ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ) އިން އޭރުވަނީ ރަނިލް ބޮޑުވަޒީރުކަމަށް ގެނައުމަށް ތާއިދުކޮށްފައެވެ. ހީވެސް ނުކުރާ ގޮތަކަށް މަގާމަށް ވަޑައިގަތުމުގެ ކުރިން ވިކްރަމަސިންހައަކީ ހަ ފަހަރު ލަންކާގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ވިކްރަމަސިންހައަކީ 2020 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ޔުނައިޓެޑް ނޭޝަނަލް ޕާޓީއިން ހޮވުނު ހަމައެކަނި މެމްބަރު ވެސް މެއެވެ.
ރަނިލްގެ ވެރި ކަމުގައި އޭނާ ވަނީ އިގްތިސާދު އަލުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެކަމަކު ރާޖަޕަކްސާ އާއިލާ ހިމާޔަތްކޮށް، އަލުން ވެރިކަމަށް އައުމަށް މަގުފަހި ކޮށްދީ ، ޖިނާއީ ދައުވާ ކުރުމުން ރައްކާތެރި ކޮށްދިން ކަމުގެ ތުހުމަތު ރަނިލްގެ ބޮލުގައި މިހާރުވަނީ އެޅިފައެވެ.
ނަމާލް އިންތިހާބަށް ނިކުމެފައިވާއިރު ލަންކާގައި 17 އަހަރުވަންދެން ރާޖަޕަކްސާ އާއިލާ ކުރަމުން އައި ވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާކުރި ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި ރާޖަޕަކްސާ އާއިލާއިން ވެރިކަމުގައި ތިބި އިރު ހިންގާފައިވާ ގާނޫނާ ހިލާފު ކަންކަމަށް ފިޔަވަޅު އެޅިފައި ނުވާކަމަށް ބުނެ ބޮޑުވަޒީރު ރަނިލް އަށް ގިނަ ފާޑުކިއުންތައް ދަނީ އަމާޒުވަނުންނެވެ.
ލަންކާގެ އާންމު ރައްޔިތުން ކުރަމުން އައި މުޒާހަރާތަކާ ގުޅިގެން ގޮތަބަޔާ ފިއްލަވައިގެން ގައުމު ދޫކޮށް އޭރު ވަޑައިގެންނެވީ ސިންގަޕޫރަޝެވެ. ނަމަވެސް 50 ދުވަސް ފަހުން އެނބުރި ގައުމަށް ވަޑައިގެންނެވުމުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތައް ގޮތަބަޔާއަށް ލިބޭނެ އިންތިޒާމުން ރަނިލްގެ ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އަދި ހުންނަވާނެ މަތީފެންވަރުގެ ގެކޮޅަކާއި ދައުލަތުން ސެކިއުރިޓީ ވެސް ވަނީ ފޮރުކޮށްދޭން ފަށާފައެވެ. މިކަމާ ލަންކާގެ ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން