ކުޑަކުދިންނަށް ފެން އިސްރާފު ނުކުރުމުގެ ރަނގަޅު އާދަތައް ދަސްކޮށްދިނުމަށް ބާރުއަޅައި، "ރެސްޕެކްޓް އެވްރީ ޑްރޮޕް" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޚާއްޞަ ހަރަކާތެއް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ވުޒާރާއިން ބުނީ، މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ ކުދިކުދި އާދަތަކުގެ ތެރެއިން ފެން ރައްކާތެރިކުރުމުގެ މުހިންމުކަން އަންނަން އޮތް ޖީލުތަކަށް ދަސްކޮށްދިނުން ކަމަށެވެ. ކޮންމެ ކަމަކަށްވެސް ދޭންޖެހޭ ޙަޤީޤީ ޤަދަރާއި އިޙްތިރާމް ފެށިގެން އަންނަނީ އަމިއްލަ ގޭތެރެއިން ކަމަށްވާތީ، ކުޑަކުދިންނަށް މި އާދަތައް ދަސްކޮށްދިނުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއްކަން ހަރަކާތުގެ ތެރެއިން ފާހަގަކޮށްފައިވެއެވެ.
ފެނަކީ މާތް ﷲ ދެއްވާފައިވާ އަގުބޮޑު ނިޢުމަތަކަށްވާއިރު، އިސްކުރުތަކާ ހަމައަށް ސާފު، ރައްކާތެރި ބޯފެން ފޯރުކޮށްދެވެނީ އެތައް ބައެއްގެ ބުރަ މަސައްކަތާއި އަގުހުރި ވަގުތު ހޭދަކޮށްގެން ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެ މަސައްކަތުގެ އަގުވަޒަންކޮށް ފެން ބޭނުންކުރުމުގައި ޒިންމާދާރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.
ކެމްޕޭނުގައި ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ އަތްދޮވުމާއި، ދަތްއުނގުޅުމާއި، ސައިބޯނި ލާ ވަގުތުތަކުގައި އިސްކުރު ބަންދުކޮށްފައި ބެހެއްޓުމަށެވެ. އަދި ހަމައެކަނި ބޭނުންވާ މިންވަރަށް ފެން ބޭނުންކުރުމުގެ އާދަ އަށަގެންނެވުމަކީ ފެން އިސްރާފުވުމުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
މި ހަރަކާތުގެ ދަށުން، ގޭތެރޭގައާއި މަސައްކަތުގެ މާޙައުލުގައި ފެން ރައްކާތެރިކުރުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.






