ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ވިމެންސް ލީގު 2026، ހަތަރު ޓީމެއްގެ ބައިވެރިވުމާއެކު އަންނަ އާދިއްތަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ލީގުގައި ވާދަކުރަނީ ފާއިތުވި އަހަރުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި މޯލްޑިވްސް ސޮކަރ މޭޓްސްއެވެ.
މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ކޮންމެ ޓީމެއް އަނެއް ހުރިހާ ޓީމަކާ ދެ ފަހަރު ބައްދަލުކުރުމަށްފަހު، ލީގު ތާވަލުގެ އެއްވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
އެފްއޭއެމް ވިމެންސް ލީގު އަލުން ބާއްވަން ފެށީ 11 އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާއިންނެވެ.






