Monday, October 12
ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، އިމްރާން ޚާންގެ ޕާޓީގެ ސަރުކާރު ސަސްޕެންޑްކޮށްފި

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހިމެނޭ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީން ހިންގަމުން އައި ޕްރޮވިންސްގެ ސަރުކާރު ސަސްޕެންޑްކޮށްފިއެވެ.

މި ފިޔަވަޅު އާދީއްތަ ދުވަހު އަޅާފައިވަނީ ޤައުމީ ސަލާމަތާ ގުޅޭގޮތުން ޕާކިސްތާނުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދެ މާއްދާއެއްގެ ދަށުންނެވެ. މި ނިންމުމާއެކު ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ހިންގަމުން އައި ޕްރޮވިންސްގެ ސަރުކާރުގެ ބާރުތައް ވަނީ މައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި ފިޔަވަޅު އަޅުއްވާފައިވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރިޔާސަތުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުން ނިންމި ނިންމުންތަކަށް ރިޔާސީ ހުއްދަ ދެއްވުމަށްފަހުގައެވެ. ރައީސް ޒަރުދާރީ މިގޮތަށް ޢަމަލުކުރެއްވީ ޕްރޮވިންސްގައި ހަނގުރާމަވެރިންގެ ޙަމަލާތައް އިތުރުވެ، ޤާނޫނީ ވެރިކަން ހިންގަން ދަތިވުމާ ގުޅިގެން ކަމަށް ބުނެއެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚައިބަރު ޕަޚްތޫންޚްވާގެ ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުން ޤަޞްދުގައި ވަކިވެ، އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާ ކަމަށެވެ.

މި ފިޔަވަޅާ ގުޅިގެން ޕްރޮވިންސްގެ ޗީފް މިނިސްޓަރާއި، ކެބިނެޓް މިނިސްޓަރުންނާއި، އެހެނިހެން މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަޤާމުތަކުން ދުރުކުރެވިފައެވެ. އަދި އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން ވަނީ ފޮނުވާފައެވެ.

އިޢުލާނަށްފަހު މާގިނައިރުތަކެއް ނުވެ ޕީޓީއައިގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ޖުނައިދު އަކްބަރު ވިދާޅުވީ، ޚައިބަރު ޕަޚްތޫންޚްވާގެ ޗީފް މިނިސްޓަރު ސުހައިލް އަފްރީދީ އަދި އެ ޕްރޮވިންސްގެ ޕީޓީއައިގެ ރައީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގައި ޕްރޮވިންސްތަކުގެ ބާރުތައް މައި ސަރުކާރަށް ނެގުމުގެ އިޚްތިޔާރު ޤާނޫނުއަސާސީން ލިބިދޭ ނަމަވެސް، ދެން އެ ސަރަޙައްދު ހިންގާނީ ކޮން އުޞޫލަކުން ކަމެއް ރައީސްގެ އޮފީހުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.

ޕީޓީއައިން ބުނެފައިވަނީ މި ނިންމުމަކީ ސިޔާސީ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، މިއީ އިތުރަށް ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ، ޖަލުގައި ހުންނެވިތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލައި، ޕީޓީއައިން ވެރިރަށް އިސްލާމްއާބާދަށް ބޮޑު މާޗެއް ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު