ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީ.އޭ.ސީ.އޭ) އިން ކަށަވަރުކޮށްފިއެވެ.
ޖީ.އޭ.ސީ.އޭ އިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މަރުވި 12 މީހުންގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި ބަންގްލަދޭޝްގެ ދެ ރައްޔިތުން ހިމެނެއެވެ. މީގެ އިތުރުން، އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީނު އަދި ސޫދާނަށް ނިސްބަތްވާ ކޮންމެ ޤައުމަކުން މީހަކު ވެސް މަރުވެފައިވެއެވެ.
ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެ އެންމެންނަށް މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެހެންކަމުން، އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ޖީ.އޭ.ސީ.އޭ އިން ބުނީ، މި ފިޔަވަޅު އެޅީ އެމަޖެންސީ ޓީމުތަކުން ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
ރިޔާޟް މަގުން ދަތުރުކުރާ ފަސިންޖަރުން ފުރުމުގެ ކުރިން، ފްލައިޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ޝެޑިއުލަށް އަންނަ ބަދަލުތައް ދަތުރުކުރާ އެއާލައިނުން އޮޅުންފިލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް އެ އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ސައޫދީގެ ތިން ރައްޔިތުން މަރުވެފައިވަނިކޮށެވެ.
މި އެއާޕޯޓަށް އަމާޒުކޮށް ދޭ ވައިގެ ހަމަލާތައް އިތުރުވެފައިވާއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ހޫތީންގެ މި ހަމަލާތައް ހަރުކަށި ގޮތުގައި ކުށްވެރިކުރައްވާފައެވެ.






